ޣައްޒާގެ ފުރަބަންދު ފޫއަޅުވާލަން އުޅުނު ބައިނަލްއަޤްވާމީ އެކްޓިވިސްޓުންގެ ގާފިލާ ކަމަށްވާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތަކާއި އޭގައި ތިބި މީހުން އިސްރާއީލުން ހައްޔަރުކުރުމަށްފަހު ބައިނަލްއަޤްވާމީ ޕްރެޝަރާއި ހެދި ބަންދުކޮށްފައި ތިބި މީހުން ފޮނުވާލަން ފަށައިފިއެވެ.
ރަސްމީ ރިޕޯޓްތައް ބުނާ ގޮތުގައި ފުރަތަމަ ތަޙްޤީޤުކުރަން ފެށި ގާތްގަނޑަކަށް 473 އެކްޓިވިސްޓުން ގެންގޮސް ލާފައި ވަނީ އިސްރާއީލުގެ ދެކުނުގެ ސަހަރޮނިމް ޖަލަށެވެ. އިސްރާއީލުން ޕްލޭން ކޮށްފައި ވަނީ ހައިސެކިއުރިޓީ ޖަލެއްގައި އެންމެން ބަންދުކޮށްފައި ޝަރީޢަތް ހިންގުމަށް ކަމަށް މީގެ ކުރިން ޚަބަރު ލިބުނެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޕްރެޝަރު ބޮޑުވުމުން އިސްރާއީލުން ބަންދުގައި ތިބި މީހުންނަށް އެންގީ އަމިއްލަ ޚަރަދުގައި ޑީޕޯޓްވުމުގެ ފުރުޞަތު ދީފި ކަމަށާއި، އިންކާރުކުރާ ނަމަ ޝަރީއަތަށް މައްސަލަ ފޮނުވަންދެން ޖަލުގައި ތިބުމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް 141 މީހުން ވަނީ އިސްރާއީލުން ފުރާފައެވެ. އޭގެތެރެއިން 137 އެކްޓިވިސްޓުންގެ ގްރޫޕެއް އިއްޔެ ތުރުކިޔޭގެ އިސްތަންބޫލަށް ފޭބިއިރު، އެ މީހުން އައީ ރައީސް އެރްދޮޣާންގެ ސަރުކާރުން ހަމަޖައްސަވައިދެއްވި ޚާއްޞަ ފްލައިޓެއްގައެވެ.
އަނެއްކޮޅުން ބަލާއިރު ރޯމާ އާއި ބްރަސެލްސްގެ ޑިޕްލޮމެޓިކް ޕްރެޝަރާއި ގުޅިގެން، އިޓަލީގެ ހަތަރު މަޖިލިސް މެންބަރުންނާއި ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރުންވެސް މިހާރު ވަނީ މިނިވަންކޮށް އިޓަލީއަށް އަނބުރާ ގޮސްފައެވެ.
ނަމަވެސް، އަދިވެސް 300 އަށް ވުރެ ގިނަ މީހުން ތިބީ އިސްރާއީލުގެ ޖަލުތަކުގެ ތެރޭގައެވެ.
ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ގިނަ އެކްޓިވިސްޓުން ޑިޕޯޓް ކުރުމުގެ ލިޔެކިޔުންތަކުގައި ސޮއި ކުރަން ދެކޮޅު ހަދައެވެ. ސަބަބަކީ އެމީހުން ބަންދުކުރީ ޤާނޫނާއި ޚިލާފަށެވެ. އެހެންކަމުން ޝަރުތުތަކާއި ނުލައި ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް މުވައްކިލުން ބުނާ ކަމަށް ލޯޔަރުން ބުނެއެވެ.






