ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު "ދަރުމަވަންތަ"، ދިވެހި ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އާއި ރަސްމީކޮށް ހަވާލުކޮށް، ކޮމިޝަންކޮށްފި އެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މަނަވަރު ކޮމިޝަންކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒް ވަނީ ދިވެހިރާއްޖެއަށް މިމަނަވަރު ރަސްމީކޮށް ހަވާލުކޮށްދެއްވާފަ އެވެ. ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މިރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ފަރާތުން ތުރުކީ ސަރުކާރަށް ޝުކުރުގެ ހަނދާނީ ލިޔުމެއްވެސް ވަނީ ހަވާލުކުރައްވާފަ އެވެ.
މަނަވަރުގެ ނަން "ދަރުމަވަންތަ" ކަޝްފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ޚިދުމަތް ފެށުމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް ޙަސަން ޝިނާންއާ ހަވާލުކޮށްދެއްވާފަ އެވެ. އަސްކަރީ މަނަވަރު ކޮމިޝަން ކުރުމުގެ ގޮތުން ސިފައިން ވަނީ މަނަވަރުގައި ޚާއްސަ ޑްރިލްއެއްވެސް ބާއްވާފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒް ވިދާޅުވީ ކުރިމަގުގައި ރާއްޖެއާއި ތުރުކީއާ ދެޤައުމުގެ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ. އަދި މިމަނަވަރަކީ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް އެޑްމިރަލް ޔިލްޑްޒް ފާހަގަކުރެއްވި އެވެ.
ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމެވިކަން ހާމަކުރެއްވީ މިއަހަރުގެ އޭޕްރީލު މަހުގެ ތެރޭގަ އެވެ.
މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް، ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލުވުމަށް ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު އުޅަނދެއްކަމަށް ދިފާއީ ވުޒާރާއިން ފާހަގަކުރި އެވެ.
މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވެގެންދިޔުމަކީ، ދިވެވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަޢުރު ފުރިހަމައަށް އަދާކުރުމަށް ލިބުނު ބޮޑު އެހީއެކެވެ. މިއީ އެ މަސައްކަތުގައި ދިވެހި ސިފައިންނަކީ ޤާބިލު ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ދިފާޢީ ވުޒާރާއިން ބުންޏެވެ.
މަނަވަރު ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މަނަވަރު ބައްލަވާލައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާވަނީ މަނަވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ އެއް ދާއިރާ އެވެ. އެގޮތުން އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފަށްޓަވައިގެންވެސް މިސިޔާސަތުތައް ތަންފީޒުކުރައްވަންވަނީ ފަށްޓަވާފައެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަމާ ހަވާލުވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ވަނީ ތަޢާރަފްކުރައްވާފަ އެވެ. ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީވެސް ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ.