ތުރުކީއިންނހަދިޔާ ކުރާ މަނަވަރު ރާއްޖެއަށް ގެނެސްފި އެވެ.
މި އުޅަނދަކީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ އުޅަނދު ރާއްޖެ އަށް ހަދިޔާ ކުރަނީ ކަނޑުގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ތުރުކީވިލާތުގެ ދިފާއީ މިނިސްޓްރީގެ އޮފިޝަލުން އަނަދޯލު އެޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރި އަސްކަރީ އެއްބަސްވުމުގެ މަގުސަދަކީ ވަސީލަތްތަކާއި ތަމްރީނުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރު ކުރުމެވެ.
ރާއްޖެއަށް އެ މަނަވަރު ހަދިޔާކުރުމުގެ ކުރިން އިސްތަންބޫލް ނޭވަލް ޝިޕްޔާޑެއްގައި އެ މަނަވަރުގެ މަރާމާތުތައް ކުރާނެ ކަމަށް އޮފިޝަލުން ބުނެފައި ވެ އެވެ. އެ އުޅަނދު ތުރުކީން ގެނެސް ރާއްޖެއާ ހަވާލުކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތުރުކީގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ބުންޏެވެ.
އެކަމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ މަނަވަރު ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކަމަށެވެ. އަދި އެ މަނަވަރު އޮޕަރޭޓްކުރާނެ ދިވެހި ސިފައިންނަށް ވެސް ތަމްރީން ދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.