ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ އެއްވެސް ބިމެއް ވިއްކަވައިފައެއް ނުވޭ: އަރީޝް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 13 ދުވަސް ކުރިން - 11 ޖެނުއަރީ 2026 19:34
މަލޭ ސިޓީގެ ޑެޕއުޓީ މޭޔަރު މުހައްމަދު އަރީޝް--- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މަލޭ ސިޓީގެ ޑެޕއުޓީ މޭޔަރު މުހައްމަދު އަރީޝް--- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޚުލާސާ

ކައުންސިލްތަކަކީ ސަރުކާރަށް ޖެއްސުންކުރަން އުފައްދާ އިދާރާތަކެއް ނޫން ކަމަށާއި އެއީ ސަަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކާއި ތަރައްގީ ގެނައުމުގެ މަސައްކަތްކުރާ އިދާރާތަކެއް ކަމަށް އަރީޝް ވިދާޅުވި

23އމާލޭ ސިޓީގެ މޭޔަރުކަމުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު މާލޭ ސިޓީގެ އެއްވެސް ބިމެއް އެއްވެސް ބަޔަކަށް ވިއްކަވާފައި ނުވާ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެ އެވެ.

އަރީޝް މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އަރީޝް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމުގައި، ރައީސް މުއިއްޒު ހުންނެވި ދެ އަހަރާއި ހަ މަހެއްހައި ދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ނުގަވާއިދުން ކުއްޔަށް ދެއްވާފައި ނުވާ ކަމަށެވެ.

ރައީސް މުއިއްޒުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އަދި އިޖްތިމާއީ ރޫހު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން ގިނަ ކުރެއްވި ދުވަސްތަކެއްކަން އަރީޝް ފާހަގަކުރެއްވި އެވެ. އެގޮތުން ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވައި ހާލުއަހުވާލު ބައްލަވައި، ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ކަމަށް އަރީޝް ވިދާޅުވި އެވެ.

މި ހަގީގަތްތައް ހަޖަމު ނުކުރެވިގެން، އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް މާލޭގެ މޭޔަރުކަމުގެ ކެމްޕޭނުގައި ދައްކާ، މާލެ ސިޓީ ކައުންސިލުގެ މޭޔަރަކަށް އައުމަށްފަހު ކުރާނެ ކަމަކީ ކޯޓުތަކަށް އަބަދު ދުވެ، ދައުވާތައްކޮށް، އަނެކުންނަށް ބިރުދައްކާ، "ގޭންގެއްގެ ގޮތުގައި" މާލެ ސިޓީ ހިންގުންކަމަށް ސިފަވާ ގޮތަށް ވާހަކަތައް ދެއްކުމަކީ ދަށުދަރަޖައިގެ އެއްވެސް އަމާޒެއް ނެތް ކެމްޕޭނެއް، --- އަރީޝް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ޖެއްސުންކުރަން ގާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫން ކަމަށާއި އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހި ތަރައްގީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއްކަން އަރީޝް ފާހަގަކުރެއްވި އެވެ.

މާލެ ސިޓީއަކީ ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ރެޔާއި ދުވާލު މުޒާހަރާކޮށް ކޯޓުތައް ހައިޖެކް ކުރާ ތަނެއް ގޮތަށް ހަދާނެ ކަމަށް ބުނެ ކުރާ ކެންޕޭނަކުން ރައްޔިތުންގެ ވޯޓު އިތުރެއް ނުވާނެ ކަމަށާއި، އެކަމުން ރައްޔިތުންނަކަށް ލިބޭނެ ފަސޭހައެއްވެސް ނޯންނާނެކަން ފާހަގަކުރައްވަމުން އަރީޝް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަން ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކަ ކަމަށެވެ.

މި ވާހަކަތައް ރަނގަޅަށް ދެއްކޭނީ ރައީސް މުއިއްޒު މޭޔަރުކަން ކުރެއްވި ފަދައިން ހީވާގި ކަމާއި ދުރުވިސްނުން އިސްކޮށް، މަޝްވަރާގެ އުސޫލު ދަސްކޮށްގެން ކަމަށް އަރީސް ވަނީ ވިދާޅުވެފަ އެވެ. ރައީސްގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވަން ހަގީގަތެއް ނެތް ހިޔާލީ ހަރުކަށި އިންޒާރުތައް ދިނުމަކީ، މާލޭ ސިޓީގެ މޭޔަރުކަމަށް ކުފޫ ހަމަވާ ޒާތުގެ އަމަލެއް ނޫން ކަމަށް އަރީޝް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%