ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް!

އައިޝަތު ޝިފްނާ ހުސައިން | 9 ގަޑިއިރު ކުރިން - 23 ޖުލައި 2025 15:17
ރައީސް ފޮއްދޫއަށް ކުރި ދަތުރުފުޅުގައި.---ފޮޓޯ:ރައީސް އޮފީސް
ރައީސް ފޮއްދޫއަށް ކުރި ދަތުރުފުޅުގައި.---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ފޮއްދޫ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ފޮއްދިއްޕަރު ފަޅުގެ ނަފާ ކައުންސިލަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ

ނ. ފޮއްދޫ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ފޮއްދިއްޕަރު ފަޅުގެ ނަފާ ކައުންސިލަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.ފޮއްދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނ. ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެ މަނިކުފާނު ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ހިމާޔަތްކޮށްފައިވާ މުހިންމު ތަނަކަށްވާތީ، މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ހަދާ މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން އެފަޅު ބަލަހައްޓާ އަދި އެފަޅުން ކައުންސިލަށް އާމްދަނީ ލިބޭނެ ނިޒާމެއް އެގްރިމަންޓެއްގެ ދަށުން ހަމަޖައްސަވައިދެއްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްގީއަށްޓަކައި މިއަދު ފެށި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައްޔިތުން އެދޭފަދައިން އެ މަޝްރޫޢުތައް ނިމިގެންދާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

މީގެ އތުރުން ފޮއްދޫގެ ރައްޔިތުންގެ 40 އަހަރުގެ ދިގު އުއްމީދެއްކަމަށްވާ، ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އަދި ފޮއްދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓްގެ ބިންގާއަޅުއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފައެވެ.

ހަމަ އެއާއިއެކު ރައްޔިތުން އެދިވަޑައިގަންނަވާ ފަދައިން، ޑޮކްޓަރީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ކަންކަން ހަމަޖައްސަވައިދެއްވައި، ޞިއްހީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު، ލެބޯޓްރީގެ ޚިދުމަތް އިތުރުކޮށް ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަވެ ކައިރި ހޮސްޕިޓަލްތަކަށް ދާންޖެހުން މަދުވެގެންދާނެ ގޮތަށް ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށް އެމަނިކުފާވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އެމަނިފާނު ދެން ފޮއްދޫއަށް ވަޑައިގަންނަވާނީ މިއަދު ފެށި މަޝްރޫޢުތައް ނިމި އެކަންކަމުގެ އުފަލުގައި ރައްޔިތުންނާއިއެކު ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%