ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން، 30،648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން، 3،990 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 140 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. ބަނދަރު ބޭނުންކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން، 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. އަދި ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރެވޭނެއެވެ. މި މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެކެވެ.
ފޮއްދޫއަކީ މީގެ ކުރިން ރަނގަޅު ބަނދަރެއް ހެދިފައިނުވާ ރަށެކެވެ. އެހެންކަމުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެނޫން މީހުންނަށް ލަފާފުރުމުގައި ބޭނުންކުރެވެމުން އައީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. މިކަމުގެ ސަބަބުން ފޮއްދޫ ރައްޔިތުންނަށާއި ލަފާފުރާ މީހުންނަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވެއެވެ.









