ހޮޅުދޫގައި އިމާރާތްކުރުމަށް ހަމަޖައްސާފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.
ނ. ހޮޅުދޫގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގައި މިއަދު ބިންގާ އެޅުނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާފައިވާކަމަށް، އެރަށު ކައުންސިލުގެ ރައީސް ރިލްވާން މުހައްމަދު ވިދާޅުވި އެވެ.
ރިލްވާން މުހައްމަދު ވިދާޅުވީ، އިމާރާތްކުރެވޭ މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ގިނަ އަދަދެއްގެ އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށެވެ. މީގެ އިތުރުންވެސް ސަރުކާރުން އިސްނަންގަވައިގެން ރަށުގައި އިތުރު ކުޅިވަރު މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން، ރަށުގެ ރައްޔިތުންނަށްޓަކައި ތިން ބެޑްމިންޓަން ކޯޓު ހަދަމުންދާއިރު، މި މަޝްރޫއު މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ނިމޭނެކަމަށްވެސް ކައުންސިލުގެ ރައީސް މައުލޫމާތުދެއްވި އެވެ. މިއީ ކުރީ ސަރުކާރުގައި ފައްޓަވާ ނުނިމިވަނިކޮށް މި ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތްފެށިގެންދާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ހަށިހެޔޮކަމުގެ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެކަމަށް ސަރުކާރުން ފާހަގަކުރި އެވެ.









