ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި ކާނާ ލިބުން ދަތިވުމުގެ ސަބަބުން ހަތަރު ތުއްތުކުދިން ހިމެނޭ ގޮތަށް ޣައްޒާއިން 15 މީހަކު ބަނޑަށް މަރުވެއްޖެއެވެ.
ޒަޔަނިސްޓުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާއިން މަރުވި މީހުންގެ އަދަދު 101 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 80 މީހުންނަކީ ކުޑަކުދިންނެވެ.
ފަލަސްތީނުގެ އޮފިޝަލުންނާއި ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމުގެ އިންޒާރު ދީފަ އެވެ.
މިއީ ޣައްޒާގެ ތާރީހުގައި ވެސް ކުރިމަތިވެފައިވާ އެންމެ ނުބައި އިންސާނީ މުސީބާތެވެ.
މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ ބޯޑަރު ހުރަސްކުރާ ހުރިހާ ތަނެއް ބަންދުކޮށް، ކާބޯތަކެއްޗާއި ސިއްހީ އެހީތައް އެތެރެވުން ހުއްޓުވާފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ވެސް ނެރެފަ އެވެ.