ޣައްޒާ މަރެއް ނުވެއެވެ. އެކަމަކުވެސް އެ މަރައިލަނީއެވެ. ފާއިތުވަމުންދާ ކޮންމެ މިނެޓަކާއެކު ކަފުންކޮށްފައި ވަޅުލާން އެ ތައްޔާރުކުރަނީ ބޯނެ ކިރުފޮދެއްހާ ހިސާބުވެސް ނުލިބި ބަނޑަށް މަރުވަމުންދާ ކުޑަކުދިންނެވެ.
ފާއިތުވި ބިރުވެރި 72 ގަޑިއިރުގެ ތެރޭގައި އެ ދިޔައީ މަޢުސޫމް 21 ތުއްތުތުއްތު ކުދިންނެވެ. ބަނޑުހައިހޫނުކަމުގައެވެ. ބޮން އަޅައިގެނެއް ނޫނެވެ. ވަޒަންތަކެއް އަރައިގެނެއް ވެސް ނޫނެވެ. އެކަމަކު ބަނޑުހައިހޫނުކަމެވެ. އެންމެ ދުވަހެއްގެތެރޭގައި ވެސް 15 ކުދިން ނިމިއްޖެއެވެ.
މަރާލަން ޖެހޭ މީހުންގެ އެއްވެސް ލިސްޓެއްގައި އެ ކުދީންނެއް ނެތެވެ. އެމީހުންގެ ހަމައެކަނި ކުށަކީ ފުރަގަސްދީފައިވާ ދުނިޔެއަކަށް އުފަންވުމެވެ. ޙިޞާރު ކޮށްފައިވާ ތަނަކަށް އުފަންވުމެވެ.
އަލް ޝިފާ ހޮސްޕިޓަލުގެ ޑރ. މުޙައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ އެ މީހުންނަށް އެ ކުޑަކުދީން ގެއްލުނީ ކާނާ ނުލިބިގެންނެވެ. އަދި އެ ހޮސްޕިޓަލަކީ މިހާރު ފަރުވާދެވޭ ނުވަތަ ޝިފާ ލިބޭ މަރުކަޒުތަކެއް ނޫނެވެ. އެއީ މައުސޫމް މީހުންގެ މޯޗަރީއެވެ.
ޣައްޒާގެ މައިންތައް އެމީހުންގެ ތުއްތުކުދިންގެ ގައިގައި މިއަދު ބުލެންކެޓެއް ނުވަތަ ރަޖައެއް އެޅުމުގެ ބަދަލުގައި އެ އަޅަނީ ކަފުނެވެ. މައިން އެމީހުންގެ އަތްމައްޗަށް ދަރީން ލައިގެން ތިބިއިރު ބައްޕައިންތައް ތިބެގެން އެ ކޮންނަނީ އެކުދީންގެ ކަށްވަޅެވެ.
އަހަރެމެންގެ އުންމަތް ކޮބާހެއްޔެވެ؟ ޢަރަބި ލީގު ކޮބާ ހެއްޔެވެ؟ ތެލުގެ މުއްސަނދި ރަސްރަސްކަލުން ކޮބާހެއްޔެވެ؟ ރަނާއި ލަގްޒަރީ ޖެޓްތަކުގެ ގަނޑުވަރުތަކުގެ ވެރީން ކޮބާހެއްޔެވެ؟ މުސްލިމް ދުނިޔެ ކޮބާ ހެއްޔެވެ؟ ތިޔަހެން ނެރެލާ ބަޔާނެއް ޣައްޒާގެ ދަރީންނަކަށް ބޭނުން ނުވެއެވެ. އެމީހުންނަށް ބޭނުންވީ ކިރެވެ. އެމީހުން ބޭނުންވީ ފެނެވެ. ކާނެ އެއްޗެކެވެ. އެމީހުން ދިރިހުރުމަށް ބޭނުންވީ ފައިސާއެއް ނޫނެވެ. ކާނާއިން ބަރާކޮށްފައިވާ ބޯޓެކެވެ.
ކާބޯތަކެތި ހޯދަން އުޅެނިކޮށް ވެސް 1000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލިއެވެ. އެމީހުން ނިމިގެންދިޔައީ ޢަރަބި ލީގުގެ ގާތް އެކުވެރި އެމެރިކާގެ ރުހުމާއެކު އިސްރާއީލުގެ ޒަޔަނިސްޓުން އެޅި ބޮމާއި، އަދި އެމީހުންގެ ހަތިޔާރުތަކުންނެވެ.
މިހުރިހާ ކަމެއް ކުރާއިރުވެސް ދުނިޔޭގެ ބާރުގަދަ މީހުން ޣައްޒާގެ ދިފާޢުގައި ކުރީ ކޮން ކަމެއް ހެއްޔެވެ؟ ޓްވީޓް ކޮށްލަކޮށްލައި ތިބީއެވެ. ދުނިޔޭގެ ލަދަށް، ކަންބޮޑުވުން ފާޅުކުރަމޭ ބުނެ އެމީހުން ބޭއްވީ އެއްވެސް ފިޔަވަޅެއް ނޭޅުނު ސަމިޓްތަކެވެ. ޙަމަލާތައް ކުށްވެރިކޮށް، އެހީދޭ ތަންތަނުގައި މީހުން ޝަހީދުކުރަމުންދާތީ ކުށްވެރިކުރަމޭ ބުނެލީއެވެ. އެކަމަކު ކާބޯތަކެތީގެ ޓްރަކްތަކެއް ނުފޮނުވިއެވެ. އިސްރާއީލާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ނޭޅިއެވެ.
ޣައްޒާގެ ދަރިން މަރުވަނީ ހިމޭން ކަމުގައެއް ނޫނެވެ. އެކުދިން ބިރުން ތާއަބަދުމެ ހަޅޭއްލަވަނީއެވެ. އާދޭސް ކުރަނީއެވެ. އެކަން ނުދަންނަ މީހަކު ނެތެވެ.
ނަމަވެސް، އެ ތުއްތު ކުދިންގެ ގުނަވަންތައް ވަކިކޮށްފައާއި ބަނޑުހައިހޫނުކަމުގައި ޝަހީދުވެގެން ވަޅުލާއިރު ތެލުގެ މުއްސަނދިކަން ހޯދައިގެން ތިބި މީހުން ލަގްޒަރީ އެކްސްޕޯތައް ބާއްވައި ހަވާ އަރުވަނީއެވެ. ލަދު ކޮބާހެއްޔެވެ؟ ޣައްޒާ ހޮސްޕިޓަލްތަކުން ވަޞީލަތްތައް ހުސްވަމުން ދިޔައިރު ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ޑީލްތަކުގައި ސޮއިކުރި ކޮންމެ ވެރިޔަކު ލަދުގަންނަން ޖެހެއެވެ.
ޣައްޒާގެ ދަރިންގެ ލޭ ހޭކެނީ ހަމައެކަނި އިސްރާއީލު ޒަޔަނިސްޓުންގެ އަތަކު ނޫނެވެ. އެހީތެރިވުމުގެ ވަސީލަތްތައް ހުރި ނަމަވެސް އެކަން ނުކޮށް މަޖަލުގައި ވަގުތު ހޭދަކުރުމަށް އިޚްތިޔާރުކުރި މީހުންގެ އަތުގައި ވެސް އެ ކުދިންގެ ލޭ ހޭކިއްޖެއެވެ. މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އެކުދިން ކަފުންވެއްޖެއެވެ.
ޣައްޒާގެ ޝަހީދުންނަށް ރަޙްމަތް ލައްވާށިއެވެ.









