ރައީސް ދެއްކެވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާވެފައި އޮތީ މި ސަރުކާރުގައި ކަން

އަައިޝަތު ޒީނާ | 9 ގަޑިއިރު ކުރިން - 22 ޖުލައި 2025 22:28
އަންހެން މީހާ ހަޑި ހުތުރު ބަހުން ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯގެ ސްނެޕްޝޮޓުތަކެއް.
އަންހެން މީހާ ހަޑި ހުތުރު ބަހުން ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯގެ ސްނެޕްޝޮޓުތަކެއް.
ޚުލާސާ

ކުޑަފަރިއަށް ރައީސް މިއަދު ވަޑައިގެން، ރަށުގައި ހިންގަވާފައި ވަޑައިގެންނެވި އިރު އަންހެނަކު ވަނީ އެމަނިކުފާނަށް ވަރަށް ހަޑި ހުތުރު އެއްޗެހި ގޮވާފައި.

މީގެ ކުރީގެ އެތައް ސަރުކާރުތަކެއްގައި ވެރިން ކަންތައް ކުރައްވަމުން އައި ގޮތް އަހަރެމެން ދިވެހި ރައްޔިތުންނަށް ވަނީ ވަރަށް ގާތުން ފެނިފައެވެ.

އެއިރަކު ވެރިއަކަށް ހުންނަވާ ރައީސަކު ރައްޔިތުން ގާތަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ވެރިން ރައްޔިތުންނާމެދު ގެންގުޅުއްވާ ސިޔާސަތުތައް ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. ނިމިގެންދިޔަ ވެރިކަންތަކުގައި ވެސް ރައްޔިތުންގެ ގާތަށް ރަށްރަށަށް ރައީސުން ވަޑައިގެންނެވިއެވެ. ރައީސަށް މަރުހަބާ ދެންނެވުމަށްޓަކައި ރައްޔިތުން ނުކުތް މަންޒަރުވެސް ފެނިގެން ދިޔައެވެ. ނަމަވެސް ރަށަކަށް ފައިބާ ވަޑައިގަންނަވާއިރު، ތަންކޮޅެއް ދުރަށް ނަޒަރު ހިންގާލާއިރު، ނުވަތަ ކެމެރާ ފުރަގަހުގައިވާ ކަންތައްތައް އިނގޭއިރު، އެ ވެރިކަންތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ހަނި މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ގިނަ ރަށްތަކުގައި ކެމްޕެއިން ޖަގަހަ ފަދަ ތަންތަން ރަށުގެ އަތިރި ސަރަހައްދުގައި ގާއިމްކޮށްފައި ހުންނައިރު، އެތަނުގެ ފާރުގައި ހުންނަ ކުލައަކީ ވެރިޔާގެ ހިތްޕުޅާ ހަމަޖެހިވަޑައިނުގަންނަވާ ކުލައަކަށްވުމުން، އެތަން ނުފެންނަ ގޮތަށް ސަތަރި ދެމި މަންޒަރުވެސް ރައްޔިތުން ވަނީ ދެކިފައެވެ. ނުވަތަ ވަކި ކުލައަކުން ރަށުގެ މަލަމަތި ޒީނަތްތެރި ކުރާ މަންޒަރުވެސް ފެނިގެން ގޮސްފިއެވެ.

ރައީސް ރަށަކަށް ވަޑައިގަންނަވާއިރުވެސް، ސަރުކާރާ ހިލާފު ރައްޔިތުން ތިބެނީ ކަސްތަޅު އަޅުވާފައެވެ. ރައީސްގެ ފައިންޕުޅު ފެންނަ ހިސާބަށްވެސް އެ ރައްޔިތުންނަށް ނުދެވެއެވެ. ރައީސްއާ ދިމާލަށް ބުނެފާނެ ނުވަތަ ކިޔާނެ އެއްޗަކަށް ބިރުންނެވެ.

މިކަމުގައި ތަފާތު ދައްކަން ކެރިވަޑައިގެންނެވި ވެރިއަކީ އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނު ދެއްވި ބަޔާނުގައި އެންމެ ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނަށް ހުރިހާ ރައްޔިތުން ވެސް ހަމަހަމަވާނެ ކަމަށެވެ. އެކަމުގެ ކުޑަ މިސާލެއް މިއަދުވެސް އެމަނިކުފާނު ވަނީ ސާބިތުކޮށްދެއްވާފައެވެ.

ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ އަތޮޅުގެ ކުޑަފަރިއަށް ވަޑައިގެންފައެވެ. އެމަނިކުފާނު ރަށުގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް އަންހެނަކު ވަނީ އެމަނިކުފާނާ ދިމާލަށް ވަރަށް ހަޑި ހުތުރު ބަހުން އެއްޗެހި ގޮވާ އަޑު އުފުލާފައެވެ. ރައީސްގެ އަރިހުގައި އެވަގުތު އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި ބޮޑީގާޑުންނާއި ފުލުހުން ތިބި ނަމަވެސް، އެމީހާ ހިފަހައްޓައި ހައްޔަރުކުރުމުގެ ވިސްނުންފުޅެއް ރައީސްގެ ނެތެވެ.

ކޮންމެ މީހަކަށްވެސް މިނިވަންކަމާއެކު ހިޔާލުފާޅުކުރެވޭނެކަން އެމަނިކުފާނު ވަނީ ސާބިތުކޮށްދެއްވާފަ އެވެ.

އެ އަންހެން މީހާ ދެއްކި ވާހަކަތަކުގައި ބުނެފައިވަނީ ރައީސަކީ ރައްޔިތުންގެ ހާލު ބައްލަވާ ރައީސެއް ނޫން ކަމަށާއި، ވޯޓު ހޯއްދަވަން ވީމާ ރައްޔިތުން ފެނިވަޑައިގަންނަވަނީ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އަންނަނީ ރައްޔިތުންގެ ހާލު ބެއްލެވުމަށް ސީދާ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަމުންނެވެ. އަދި ރައްޔިތުންގެ ތަކުލީފުތައް ހައްލު ކުރެއްވުމަށްޓަކައި ހަރުދަނާގޮތެއްގައި ދެމެހެއްޓެނިވި އަވަސް ފިޔަވަޅުތައް އެމަނިކުފާނު އަޅުއްވައެވެ.

"ޚުލާސާ" އަށް އެނގިފައިވާ ގޮތުގައި ރައީސްއާ މުހާތަބުކުރައްވާ ހަޑި ހުތުރުބަހުން ވާހަކަ ދެއްކި އަންހެން މީހާގެ ގެ ހަދައިދެއްވީ އެމްޑީއޭގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުއެވެ. މުޅި ގެ ހެދުމަށް ވޯޓު ވިއްކާލުމަށްފަހު ގެ ހަދާފައިވަނީ ސިޔާމްގެ ލާރިންނެވެ. ރައީސްއާ ބޭއަދަބީ ބަހުން އެއްޗެހި ގޮވީ މި ސަރުކާރާއި ސިޔާމް އާ ގުޅުން ރަނގަޅު ނޫން ވީމަ ކަމަށް ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

އަދި ޚުލާސާގެ ނޫސްވެރިންނަށް ޖަވާބުދެމުން، ކޮންމެ ވެރިއަކު އަޔަސް ސިޔާމް އާ ހިޔާލު ތަފާތުވާނަމަ ތިމަންނަވެސް ދެކޮޅުވާނެ ކަމަށާއި، ކޮންމެ ވެރިއެއް އަޔަސް ކިޔަންޖެހޭ އެއްޗެއް ކިޔާނެ ކަމަށް އެ އަންހެންމީހާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ ހަޑި ހުތުރުބަހުން އެއްޗެހި ގޮވީވެސް ބަޔަކު ލާރި ދީގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%