މާޅެންދޫ ޖެޓީ ހެދުމުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅުގެ މީހުން ދިރި އުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާޅެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަަބުކޮށް މިއަދު ރައީސް ވިދާޅުވީ، މިހާރު އެންމެ ދަތިވާ އެންމެ މުހިންމު ކަމަކީ އެރަށުގެ ހުޅަނގުފަރާތުން ލަފާ ފުރުމުގެ ހުރި އުނދަގޫތައްކަމަށެވެ.
އެއާގުޅިގެން މިހާރު ވާނީ ޖެޓީގެ މަސައްކަތް ކުރުމަށް ރަށުގެ ކައުންސިލް އާއި މިނިސްޓްރީ އާއި ދެމެދުގައި ޑިޒައިން ފައިނަލްކުރެވި އީއައިއޭގެ އެންމެ ފަހު މަރުހަލާއާއި ހަމައަށް ގޮސްފައިކަން ރައީސް ވިދާޅުވި އެވެ.
އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ގެންނަން ޖެހޭ ހިލަ ވެސް ދާދި އަވަހަށް އެމްޓީސީސީއިން ގެންނާނެކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އެރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ރަށުގެ ރީތިކަން ނުގެއްލޭނެ ގޮތަށް ކުރިއަށް ގެންދާނެކަމަށެވެ.
އަދި މި މަސައްކަތްތަށް ކުރިއަށް ގެންދާނީ ކަމާގުޅުން ހުރި ވުޒާރާތަކާއި ކައުންސިލްއާއި، ރައްޔިތުން ނިންމައި ފައިނަލްވުމުން އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެރަށުގެ ސިއްހީމަރުކަޒު ތަރައްގީ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށެވެ. އަދި ރަށުގެ މަގުތަށް ހެދުމުގެ މަސައްކަތް ވެސް ރައްޔިތުން ހިއްހަމަ ޖެހޭ ގޮތަށް އަވަސް މުސްތަބަލެއްގައި ފަށާނެކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ނ. މާޅެންދޫގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. މި ރަސްމިއްޔާތުުގައި ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.