ލަންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި މޫދަށް އެރި އުޅުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގެ ކުރިން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު، ނ. ލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ލަންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި މޫދަށް އެރި އުޅުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުމުގެ ވައުދަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތް ހަތްވަނައަށް ފަށަން އޮތް ބެޗުގައި ލަންދޫ ހިމަނުއްވާނެކަމަށެވެ. މިއާއެކު މިއަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބުގައި އެއްބަސްވުމުގައި ސޮއިކުރުމާ ހިސާބަށް ގެންދެވި، ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ފައްޓަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރަންޖެހޭކަންކަން ހަމަޖެހި، ހިދުމަތް ދިނުމަށް ބޭނުންވާ އިތުރު މުވައްޒަފުން ހަމަކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ސިއްހީ ދާއިރާއަށް ބޭނުންވާ މިނޫންވެސް ކަންކަން ފުރިހަމަކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްގީގެ ކަންކަން ފެށިފައިވާއިރު، އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައެއް މަސައްކަތްތައްވެސް ދާދި އަވަހަށް ފެށިގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ވަކީން ހާއްސަކޮށް، ހޭންޑްބޯލް ކޯޓު ތަރައްގީކުރުމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ބޭނުންވެފައި އޮތް ކަމަކަށް ވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ސީދާ އެކަމަށް ހާއްސަ ކުރައްވައިގެން ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ނ. ލަންދޫ ސްކޫލުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވައިލައްވައިފަ އެވެ. އަދި ސްކޫލަށް ބޭނުންވާ އިތުރުކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށާއި، ތަޢުލީމީ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްގީ ހާސިލުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މީގެ އިތުރުން ލަންދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫއުވެސް ކުރިއަށްދާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ. ދެން އެމަނިކުފާނު ލަންދޫއަށް ވަޑައިގަންނަވާއިރު، މިކަންކަން ނިމިފައި ހުރުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.