ހޭންޑްބޯލް ކުރިއަރުވަން ހާއްސަ ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އައިޝަތު ޝިފްނާ ހުސައިން | 8 ގަޑިއިރު ކުރިން - 22 ޖުލައި 2025 13:39
ރައީސް ލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. ފޮޓޯ:ރައީސް އޮފީސް
ރައީސް ލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން މި މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް.

އަންނަ އަހަރަށް ހަދާ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހޭންޑްބޯލް ކޯޓު ހެދުމުގެ ވަކި ޕްރޮގްރާމެއް ކަނޑަ އަޅައި، އަލަށް ފަށާ މަޝްރޫއެއްގެ ދަށުން ހޭންޑްބޯލް ކޯޓު ހަދަންޖެހޭ ރަށްތަކުގައި ހޭންޑްބޯލް ކޯޓް ހަދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރައީސް ނ. އަތޮޅުގެ 13 ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ލަންދޫ ގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދުު ވިދާޅުވީ ހޭންޑްބޯލް ކޯޓު ހެދުމުގެ މަޝްރޫއުގައި ލަންދޫ ވެސް ހިމެނިގެންދާނެ ކަމަށެވެ.

"...މި އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގަ ރާއްޖޭ އެކި ކަންކޮޅުތަކުގައި ހޭންޑބޯލް ކޯޓު ހެދުމަށް ވަކި ޕްރޮގްރާމެއް ކަނޑައަޅައި އަލަށް ހަދާ މަޝްރޫއުތަކުގެ ލިސްޓަށް ލައިގެން ކޯޓު ހެދުމުގެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ އެރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ހަމަޖައްސައިދިނުމާއި އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ހަމަޖައްސައިދީފައި ވާނެކަމަށެވެ.

"ސިއްހީ ދާއިރާއަށް އިތުރަށް ބޭނުންވާ ކަންކަމުގައިވެސް ސަރުކާރުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނަން." ރައީސް ވިދާޅުވި އެވެ.

ހަމަ އެއާއިއެކު މީގެ ކުރިން ވައުދުވެފައިވާ ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓާއެއް ތަރައްގީކުރުމުގެ މަސައްކަތްވެސް މިހާރު އަމަލީގޮތުން ފެށިފައިވާނެ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، މޫދަށް އެރޭ ސަރަހައްދެއް ހަދައިދިނުމުގެ މަސައްކަތް މިއަހަރު ފަހު ކޮޅުގައި ފެށޭނެކަމަށް ރައީސްގެ ވާހަކައިގައި ވިދާޅުވި އެވެ.

ހަމަ މި ބީދައިން ލަންދޫގައި މިހާރު އިމާރާތް ކުރަމުންދާ ސްކޫލުގައި ތަރައްގީކުރުމަށް ގެންނަން ޖެހޭ ބަދަލުތަށް ގެނެސް ސަރުކާރުންނާއި ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދަން ގަސްތުކުރަށްވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ސްކޫލްގެ ސްޓާފްރޫމް ފަދަ ތަންތަން އިތުރަށް މަރާމާތު ކުރުމުގެ މަސައްކަތްތަށްވެސް ކުރިއައް އޮތް ދުވަސްތަކުގައި ހަމަ ޖައްސާނެކަމަށްވެސް ފާހަގަކުރެއްވި އެވެ.

"ސްކޫލަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްދިނުމުގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަން ދީގެން މަސައްކަތް ކޮއްދޭނެކަމުގެ ޔަގީންކަން ދެން." ރައީސް ވިދާޅުވި އެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ލަންދޫގައި އަލަށް ގާއިމުކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%