ޔޫރަޕުން ރަޝިޔާއަށް ދަތިކުރާތާ 20 އަހަރު، ފުނޑައެއް ނުލެވުނު!

ޖަވާދު | 22 ދުވަސް ކުރިން - 22 ޖުލައި 2025 09:15
މޮސްކޯގެކޯރެއްގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: ހުޅަނގުގެ 20 އަހަރުބެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުވެސް ރަޝިޔާ އިނދަ ނުޖެހުނު.
މޮސްކޯގެކޯރެއްގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: ހުޅަނގުގެ 20 އަހަރުބެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުވެސް ރަޝިޔާ އިނދަ ނުޖެހުނު.
ޚުލާސާ

އީ.ޔޫ.އިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް 20 އަހަރު ވީއިރުވެސް ރަޝިޔާގެ އިގްތިސާދު ދަނީ ކުރިޔަށް.

ރަޝިޔާ އަށް ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާތަނަށް ދުވަހަކުވެސް ނުވާހައި ބޮޑުވެ، އަދި އެ ފިޔަވަޅުތަކުގެ ދާއިރާ ވަރަށް ފުޅާވެފައިވީނަމަވެސް، އެ ޤައުމުގެ އިޤްތިސާދު ދަނީ ޔޫރަޕުން އުއްމީދުކުރި ގޮތާއި ޚިލާފަށް ކުރިއަރަމުންނެވެ.

ޖުލައި 18 ގައި އީ.ޔޫ. އިން ވަނީ މިހާތަނަށް އަޅާފައިވާ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޕެކޭޖެއް ބަލައިގެންފައެވެ. މި އާ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާއިން އެކްސްޕޯޓްކުރާ ތެލުގެ އަގުތަކަށް ކަނޑައަޅާފައިވާ މިންވަރު ދަށްކޮށް، އީ.ޔޫ. ބަނދަރުތަކަށް ރަޝިޔާގެ ތެޔޮ އުފުލާ ބޯޓުފަހަރު ވަނުން މަނާކޮށް، އަދި ރަޝިޔާގެ އަސްކަރީ-އިނޑަސްޓްރިއަލް ކޮމްޕްލެކްސްއާ ގުޅުން ހުރި، ޗައިނާ ވެސް ހިމެނޭ ތިންވަނަ ޤައުމުތަކުގެ ފަރާތްތަކަށް ވެސް ހުރަސްތައް ފުޅާކުރުން ހިމެނެއެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ އިންޒާރުތަކަކާ އެކުއެވެ. މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ، ރަޝިޔާ އާއި ޔުކްރެއިންގެ ސުލްހައިގެ މަޝްވަރާތަކުގައި 50 ދުވަހުގެ ތެރޭގައި ސުލްހަ ނުވެއއޖެނަމަ، މޮސްކޯއާ އެކު ވިޔަފާރި ކުރާ ކޮންމެ ޤައުމަކަށް 100% ޓެރިފް އެއް ނަގާނެ ކަމަށް އިންޒާރު ދެއްވާފައެވެ.

ބާރުބޮޑުވަމުންދާ މި ފިއްތުންތަކާ އެކުވެސް، ވޯލްޑް ބޭންކާއި ބައިނަލްއަޤްވާމީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން މިހާރު ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިސާދެއްގެ ގޮތުގައި އޮތީ ރަޝިޔާ ރޭންކްކޮށްފައެވެ. 20 އަހަރުވީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުވެސް، ރަޝިއާ އަށް ލިބުނު މި ކުރިއެރުމުގެ ސަބަބުން ހުޅަނގުގެ ލީޑަރުންނަށް ކުރިމަތިވެފައިވާ ސްޓްރެޓީޖިކް ދަތިތައް އިތުރަށް ބޮޑުވެފައިވެއެވެ.

ރަޝިޔާގެ އިޤްތިސާދު މިހާ ރަނގަޅުވީ އެތެރޭގެ އިސްލާޙުތަކާއި ބައިނަލްއަޤްވާމީ ތެލުގެ ބާޒާރުގެ ބާރުގައި އޮތް ނުފޫޒުގެ ސަބަބުންނެވެ.


ފިއްތުންތަކުގެ ދިގު ތާރީޚެއް

ރަޝިޔާއަށް އަމާޒުކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް 20 އަހަރަށް ވުރެ ގިނަ ވެއްޖެއެވެ.

1990 ގެ ފަހުކޮޅުގައާއި 2000 ގެ ކުރީކޮޅުން ފެށިގެން ހުޅަނގުން ދިޔައީ މަޑުމަޑުން ރަޝިޔާއަށް ފިއްތަމުންނެވެ. އެއީ ކޮރަޕްޝަނާއި އިންސާނީ ހައްޤުތަކަށް އަރައިގަތްކަމަށް ބުނެއެވެ. 2012 ވަނަ އަހަރުގެ އެމެރިކާގެ މެގްނިޓްސްކީ އެކްޓް (US Magnitsky Act) އަކީ މިފަދަ މިސާލެކެވެ. ރަޝިޔާގެ ޖަލުގައި ބަންދު ކޮށްފައި ހުއްޓާ މަރުވި ވަކީލް ސަރގޭ މެގްނިޓްސްކީގެ މައްސަލައިގައި އެލިނދަތިކުރުމުގެ ފިޔަވަޅުތަކެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނިޒާމު ބޮޑުތަނުން ވަރުގަދަވީ، ރަޝިޔާ އިން 2014 ވަނަ އަހަރު ކްރައިމިއާ އަށް އަތްގަދަކުރަން މަސައްކަތްކުރުމުންނެވެ. 2014 އާއި 2015 އާ ދެމެދު އެމެރިކާ އާއި އީ.ޔޫ. އިން ވަނީ ރަޝިޔާގެ އިސް މަސްއޫލުވެރިންނާއި، ސިޔާސީ ބޭފުޅުންނާއި، ވިޔަފާރިވެރިންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެމީހުންގެ އެތައް ބިލިއަން ޑޮލަރާއި ހަރު މުދާތައް ހިފެހެއްޓިއެވެ. ހުޅަނގުގެ ޤާނޫނީ ބާރުގެ ދަށުގައިވާ ތަންތަނުގައި އެމީހުންގެ މިލްކިއްޔާތު ހިފެހެއްޓިއެވެ.

ރަޝިޔާގެ ބޮޑެތި މާލީ އިދާރާތަކާއި ކޯޕަރޭޝަންތަކެއް ބައިނަލްއަޤްވާމީ ކެޕިޓަލް މާކެޓްތަކުން ވަކިކުރިއެވެ. އިލެކްޓްރޯނިކް ޗިޕްތައް ފަދަ ދެފަރާތުން ބޭނުންކުރެވޭ (dual-use) އަދި ހައި-ޓެކްނޮލޮޖީގެ ސާމާނު ބަދަލުކުރުން މަނާކުރިއެވެ. މިކަމުގެ ސަބަބުން ހާއްސަކޮށް ރަޝިއާގެ ހަކަތަ (energy) އަދި ދިފާއީ (defense) ދާއިރާތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގައި ވިޔަފާރި ކުރަމުން ދިޔަ ބޭރުގެ އިންވެސްޓްމަންޓްތައް މަދުވިއެވެ.

2018 އާއި 2020 އާ ދެމެދު ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަވިއެވެ. އެމެރިކާގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކުގެ ތެރޭގައި، ކައުންޓަރިންގް އެމެރިކާސް އެޑްވަރސަރީސް ތްރޫ ސެންކްޝަންސް އެކްޓް (CAATSA) ފަދަ ޤާނޫނުތަކުގެ މަޤްސަދަކީ ރަޝިޔާގެ ދިފާއީ ކުޅަދާނަކަމާއި މާލީ ދާއިރާ ބަލިކުރުމެވެ.

މި ދުވަސްވަރު އާކްޓިކް ސަރަހައްދުގައި ރަޝިޔާ ހިންގާ ހަރަކާތްތަކަށާއި އަދި ޖައްވީ އެއްބާރުލުން (space cooperation) ދިނުމަށް ވެސް ހުރަސްތައް ތަޢާރަފުކުރެވުނެވެ.


2022

ރަޝިޔާއާއި ދެކޮޅަށަ އެންމެ ފުޅާ ދާއިރާއެއްގައި ފިޔަވަޅުތައް އަޅާފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިންގައި ރަޝިޔާގެ "ޚާއްސަ އަސްކަރީ އޮޕަރޭޝަން" ފެށުމުންނެވެ.

ރަޝިޔާގެ މުހިންމު ބޭންކުތަކެއް ބައިނަލްއަޤްވާމީ SWIFT ޕޭމަންޓް ނިޒާމުން ބޭރުކޮށްލިއެވެ. ވިޒާ (Visa) އަދި މައެސްޓްރޯ (Maestro) ފަދަ ބޮޑެތި ޕޭމަންޓް ޕްރޮސެސަރުތައް ރަޝިޔާގައި ބޭނުން ނުކުރެވޭ ގޮތް ހެދިއެވެ. މިއާއެކު ރަޝިޔާގެ ރައްޔިތުންނަށް ބޭރުގެ މުދަލާއި ޚިދުމަތްތައް ލިބުން ހުއްޓުނެވެ.

އަދި މިވަރުން ނިމުނީއެއް ނޫނެވެ. ހުޅަނގުގެ ޤައުމުތަކުން ވަނީ ރަޝިޔާގެ މަރުކަޒީ ބޭންކުގެ ގާތްގަނޑަކަށް 300 ބިލިއަން ޑޮލަރުގެ ރިޒާވްބެސް ހިފަހައްޓާފައެވެ. އެ ފައިސާތައް ޔުކްރޭނުގެ ހަނގުރާމައިގައި ރަޝިޔާއާއި ދެކޮޅަށް ބޭނުންކުރަން ހުޅަނގުން މަސައްކަތް ކުރެއެވެ.

ހުޅަނގުން ވަނީ އެޑްވާންސްޑް ޓެކްނޮލޮޖީ، ލަގްޒަރީ ސާމާނު، އަދި އެނޫންވެސް އުފެއްދުންތައް އެކްސްޕޯޓްކުރުމަށްވެސް ވަރަށް ފުޅާ ދާއިރާއެއްގައި ރަޝިޔާއަށް ހުރަސްތައް އަޅާފައެވެ. ރަޝިޔާގެ ހަކަތައިގެ އިމްޕޯޓްތަކަށް ވެސް ހުރަސްތައް އަޅާފައިވެއެވެ. ރަޝިޔާގެ ހަކަތަ އެހެން ގައުމުތަކުން ނުގަތުމަށްވެސް އިންޒާރުދީ ބިރު ދައްކައެވެ.


ދަތިކުރުމުގެ ފިޔަވަޅުތަކުގެ އޮނިގަނޑު

ވަރަށް ގިނަ ދާއިރާތަކުން ރަޝިޔާއަށް ވަނީ ދަތިކޮށްފައެވެ. އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަލާއިރު ހުޅަނގުގެ ޤައުމުތަކާއި ރަޝިޔާއާ ދެމެދު ވަކި ބާވަތްތަކުގެ މުދަލާއި ޚިދުމަތްތައް އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުން ވަނީ މަނާ ކޮށްފައެވެ. މީގެ ތެރޭގައި ރަޝިޔާގެ ތެޔޮ، ގޭސް ފަދަ އުފެއްދުންތައް ގަތުން ހުއްޓާލުމާއި، ހުޅަނގުގެ ޤައުމުތަކުން އެހީ އާއި އިންވެސްޓްމަންޓްތައް ލިބުން ހުއްޓާލުން ހިމެނެއެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާގެ މާލީ ނިޒާމަށް އަމާޒުކޮށްފައިވާ ގޮތަކީ، ރަޝިޔާގެ ބޭންކުތައް ބައިނަލްއަޤްވާމީ SWIFT ޕޭމަންޓް ނެޓްވޯކުން ވަކިކޮށްގެންނެވެ. އަދި ޔޫރަޕްގައާއި އެމެރިކާގައި ހިންގާ ރަޝިޔާގެ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުގެ މުދާ ހިފެހެއްޓުމެވެ.

ޑިޕްލޮމެޓިކް ގޮތުންވެސް ރަޝިޔާއަށް ފިއްތައި ޔޫރަޕާއި އުތުރު އެމެރިކާއިން އެތައް ހާސް ރަޝިޔާގެ ޑިޕްލޮމެޓުން ބޭރުކޮށްފައެވެ.

ދިފާއީ ދާއިރާގައި، ގުޅިގެން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލާފައިވާއިރު، ރަޝިޔާއަށް ހައި-ޓެކް އަސްކަރީ ބައިތައް އެކްސްޕޯޓްކުރުމަށް ހުރަސްތައް އަޅާފައިވެއެވެ. ބައިނަލްއަޤްވާމީ ޖައްވީ އެއްބާރުލުމުގެ މަޝްރޫޢުތަކުން ވެސް ރަޝިޔާގެ ވިޔަފާރިތައް ވަނީ ބޭރުކޮށްލާފައެވެ.

ރަޝިޔާ ވަނީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މުބާރާތްތަކުން ވެސް އެކަހެރި ކޮށްފައެވެ. ރަޝިޔާގެ ޓީމުތަކަށް ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކުން ޖާގައެއް ނުލިބެއެވެ.

ޔޫރަޕާއި އުތުރު އެމެރިކާގައިވާ ސޯޝަލް ޕްލެޓްފޯމްތަކުން ރަޝިޔާގެ މީޑިއާތައް ވެސް ވަނީ ބްލޮކްކޮށްފައެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުން ވަނީ ރަޝިޔާގެ ރައްޔިތުންނަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މީގެ ތެރޭގައި ވިސާ ނުދިނުމާއި، މުދާތައް އަތުލުމާއި އަދި ބައެއް ފަހަރު މިލްކިއްޔާތު އެކީއެކަށް ހިފެހެއްޓުންވެސް ހިމެނެއެވެ.


2025: އެންމެ ހަރުކަށި ފިޔަވަޅުތައް

މިދިޔަ ހަފްތާގައި ދިގުދެމިގެންދިޔަ އެތެރޭގެ ބަހުސްތަކަށްފަހު ރަސްމީކޮށް ބަލައިގަނެފައިވާ އީ.ޔޫ.ގެ 18 ވަނަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޕެކޭޖަކީ މިހާތަނަށް އަޅާފައިވާ ހުރަސްތަކުގެ ތެރެއިން އެންމެ ބޮޑު ސެޓެވެ.

މި އާ ފިޔަވަޅުތަކުން ރަޝިޔާގެ ސާފުކޮށްފައިވާ ތެޔޮ ގަތުން ހުއްޓާލައެވެ. އަދި ރަޝިޔާގެ ތެލުގެ އަގު ވެސް ކަނޑައަޅަފައިވަނީ ޔޫރަޕުންނެވެ. ރަޝިޔާއިން ކަނޑައަޅާފައިވާ މިންވަރަކީ ފީފާއަކަށް 60 ޑޮލަރެވެ. ނަމަވެސް ޔޫރަޕުން ކަނޑައެޅި އަގަކީ 47.6 ޑޮލަރެވެ. މީގެ އިތުރުން ތިންވަނަ ޤައުމުތައް މެދުވެރިކޮށް ރަޝިޔާގެ ތެޔޮ ރީ-އެކްސްޕޯޓްކުރުން ވެސް ހަނިކޮށްފައި ވެއެވެ. ނަމަވެސް ކެނެޑާ، ނޯވޭ، ސްވިޓްޒަރލޭންޑް، ޔޫކޭ، އަދި އެމެރިކާއަށް ރަޝިޔާގެ ތެޔޮ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށެވެ.

މާލީ ގޮތުން ފިއްތުމަށްޓަކައި ރަޝިޔާގެ ބިލިޔަނަރުންގެ މުދާތައް ހިފެހެއްޓިއިރު ރަޝިއާގެ 14 މަހުޖަނުންނާއި 41 ކުންފުންޏެއް ވެސް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓަށް އިތުރުކޮށްފައިވެއެވެ. މިހާރު ޖުމްލަ 2,500 އަށް ވުރެ ގިނަ ފަރާތްތައް މި ލިސްޓުގައި ހިމެނެއެވެ.

ބޭންކިންގް ދާއިރާގައި، އީ.ޔޫ. އިން ވަނީ ރަޝިޔާގެ މާލީ އިދާރާތަކާ ގުޅުންހުރި އެއްވެސް މަޝްރޫޢެއްގައި ޔޫރަޕްގެ މާލީ އިދާރާތައް ބައިވެރިނުވުމަށް އަމުރުކޮށްފައެވެ.

ފިއްތުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ރަޝިޔާގެ ތެޔޮ އުފުލާ ބޯޓުފަހަރުތަކަށް އީ.ޔޫ.ހެ ބަނދަރުތައް ވަނީ ބަންދުކޮށްލާފައެވެ. މިކަމުގެ ސަބަބުން ހައިޑްރޯކާބަންސް އުފުލުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް މާހިރުން ލަފާކުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%