ނ. މަނަދޫގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެ ރަށުގައި މި ހިދުމަތް ދޭން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެން މިރޭ ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ.
މަނަދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް އެ ރަށުގައި ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާން އެވެ.
ވުޒާރާއިން ބުނީ މަނަދޫގައި ފެށިގެންދިޔަ މި ހިދުމަތާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް ވެސް ޕާސްޕޯޓުގެ ހިދުމަތްތައް ހޯދުމުގައި ލުއިފަސޭހަވެގެންދާނެ ކަމަށެވެ.
ސަރުކާރުން އަންނަނީ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް ޕާސްޕޯޓުގެ އިތުރުން އައިޑީ ކާޑުގެ ހިދުމަތްވެސް ރަށް ރަށާއި އަތޮޅުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.