ނ. މަނަދޫގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަންނަ މަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މަނަދޫގައި ޒަމާންވި ނަރުދަމާ މައްސަލަ ހައްލު ކުރުމަށް އަންނަ މަހު މަސައްކަތް ފައްޓަވާނެ ކަމަށާއި، އެ މަސައްކަތް ފެއްޓެވުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މަނަދޫގެ ނަރުދަމާއާއެމު އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތަށް ދޮޅު އަހަރެއްވަރު ނަގާނެތީ، މިހާރު އޮތް ނަރުދަމާ ނިޒާމު އަދި ބޭނުން ކުރެވޭ ގޮތަށް މަސައްކަތް ރޭވުމަށް ފެނަކައަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ފެނަކައިގެ ފަރާތުން މަސައްކަތްތަކެއް ތަރުތީބުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މަނަދޫގެ ސިއްހީ މަރުކަޒަށް ބޭނުންވާ ފަންނީ ބޭފުޅުން ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ނަފްސާނީ ބައްޔާއި، ފިޒިއޯތެރަޕީއާއި ސްޕީޗް ތެރަޕީއަށް ބޭނުންވާ ފަންނީ ބޭފުޅުން ހޯދުމާއި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަނަދޫގެ ސިއްހީ މަރުކަޒަކީ އަތޮޅުގެވެސް އެންމެ މުހިންމު ސެންޓަރު ކަމުން، އެތަނުގައި ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
މަނަދޫއަކީ ތައުލީމީ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް މަނަދޫގައި ގާއިމުކުރެއްވުމުގެ އިދާރީ މަސައްކަތްތައް ފައްޓަވާފައިވާކަމަށެވެ.
ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މަނަދޫގެ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް އެހެން ރަށްތަކާއެކު ފެށިގެންދާނެ ކަމަށެވެ. އަދި މަނަދޫގައި ވޮލީ ކޯޓެއް ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖޭގައިވެސް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަނަދޫގައި އެ މައްސަލަ ހައްލުކުރުމަށްވެސް މިހާރު އަޅަން ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓުގެ އިތުރުންވެސް، އަހަރުތަކަށް ބަހާލައިގެން އެހެން ރަށްތަކެކޭ އެއްގޮތަށް މަނަދޫގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ.
މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.