ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފުރާއިރު ދޭ ޑޮލަރު ސަޕޯޓު ލިމިޓު ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މީގެ އިތުރުން އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް ހަމަ އެ ތާރީހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައިވެސް ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުން އިންތިހާއަށް ގިނައިރު، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދާ ފަރާތްތަކަށް މިފަދައިން ޑޮލަރު ލިމިޓު ހަމަޖެހިގެންދިއުމަކީ އެ ފަރާތްތަކަށް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެއެވެ.
ރައީސްގެ މި ނިންމެވުމާ ގުޅިގެން އެމަނިކުފާނަށް ވަރަށް ގިނަ ރައްޔިތުން އަންނަނީ ޝުކުރު ދަންނަވަމުންނެވެ.
ރައީސްގެ ދުރު ރާސްތާ ސިޔާސަތުގެ ސަބަބުން ބޭނުން ޖެހިފައިވާ އާއްމު ރައްޔިތުންނަށް ފަސޭހަކަމާއިއެކު ޑޮލަރު ބޭންކު ރޭޓުގައި ލިބޭނެކަން ފާހަގަކޮށް، ރައްޔިތުންގެ ތެރެއިން އެންމެ ބޭނުން ޖެހޭ ފަރާތްތަކައް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅަށް ރައްޔިތުން އަންނަނީ ތައުރީފު ކުރަމުންނެވެ.