އީކޯ ޓޫރިޒަމްގެ ދާއިރާއިން ކެނދިކުޅުދޫ ތަރައްގީކުރުމަށް ރައީސް ވައުދުވެއްޖެ

އައިޝަތު ޝިފްނާ ހުސައިން | 6 ގަޑިއިރު ކުރިން - 21 ޖުލައި 2025 19:40
ރައީސް ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.--- ފޮޓޯ:ރައީސް އޮފީސް
ރައީސް ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.--- ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ކެނދިކުޅުދޫ، މެންގްރޫވް އައިލޭންޑް ގެ ގޮތުގައި އިކޯ ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި.

މެންގްރޫވް އައިލޭންޑް ގެ ގޮތުގައި ނ. ކެނދިކުޅުދޫ އީކޯ ޓޫރިޒަމްގެ ދާއިރާއިން ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ނ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކެނދިކުޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުންނަ ގުދުރަތީ ރީތިކަމުގެ ފައިދާ އެރަށްރަށުންވެސް ބޭނުންވާނެ ކަމަށާއި އެ ހުރިހާ ކަމަކަށް ވިސްނާވަޑައިގެން، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ސަރުކާރުން އެކަމަށް ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

އަދި އާމްދަނީ އިތުރުކުރުމަށްޓަކައި ކެނދިކުޅުދޫ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން މަގުފަހި ކޮށްދޭނެ ކަމަށާއި އެގޮތުން ޓޫރިޒަމް ދާއިރާއިން އާމްދަނީ ލިބޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށް ވައުދުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒަކީ ސައުވީސް ގަޑިއިރު ހިދުމަތްދޭ ތަނަކަށްވުމުން، މުވައްޒަފުން އިިތުރުކޮށް އިތުރު އެމްބިއުލާންސެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށާއި ކުޅިވަރުގެ ދާއިރާއިންވެސް ގިނަ ކަންތައްތަކެއް ކޮށްދޭނެކަމަށެވެ. އެގޮތުން އެރަށުގެ ފުޓްސަލް ދަނޑު ހަދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އަދި އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ނިމިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މަގުތައް ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ އަމަލީ މަރުހަލާއާއި ހަމައަށް ގޮސްފައިކަމަށް ރައީސް ވިދާޅުވި އެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެރަށުގައި އަލަށް ފަށާ އާރްޓީއެލް ބަހުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވާފައެވެ.

ރައީސް ވިދާޅުވީ ކެނދިކުޅުދޫއަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ފުއްދަވައި ނިންމެވުމަކީ އަޒުމެއް ކަމަށާއި މިއަހަރު ތެރޭގައި ވަރަށް ގިނަ ރަށްރަށުގެ ތަރައްގީގެ ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ 2026 ވަނަ އަހަރު ހުރިހާ ރަށަކަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

2027 އާއި 2028 ގައި ކުރިއަށްދާނީ ހުރިހާ މަސައްކަތެއް ނިންމުގެ މަސައްކަތް ކަމަށާއި، އިގުތިސާދީ ގޮތުން ދިމާވެފައިވާ ހުރިހާ ދަތިކަމަކުން އަރައިގަނެ، ދަރަނި ދެއްކުމުގައި ދަތިތަކެއް ދިމާނުވާނެ ގޮތަށް ޕްލޭންކޮށް ވައުދުތައް ފުއްދުމުގ ކަންކަން ތަރުތީބުކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%