ހުރިހާ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 21 ޖުލައި 2025 15:49
ރައީސުލްޖުމްހޫރިއްޔާ ނ. މާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ނ. މާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ކުރަންޖެހިފައި ހުރި ކަންކަން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ވީ އެންމެ ފުރިހަމައަކަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް.

ހުރިހާ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން، މަގު ހެދުމުގެ މަސައްކަތްތައް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި ޕްލޭންތަކަށް ފަހު އޭގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މާފަރުގެ މަގުތައް ހަދަން ފެށުން މި އަހަރަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ކުރަންޖެހިފައި ހުރި ކަންކަން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ވީ އެންމެ ފުރިހަމައަކަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%