މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ދޭން ހާއްސަ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއޭސީއެލް އިން ބުނީ މި ސެޝަނުގައި އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 16 މުވައްޒަފަކު ބައިވެރިވި ކަމަށެވެ. އެ މުވައްޒަފުންނަށް އާ ޓާމިނަލަށް މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މި ސެޝަނުގައި އެ މުވައްޒަފުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދީފައިވާ ކަމަށާއި، އެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ފައިނޭންސް އަދި އިންޓަޕްރެޓާ ސައީދު އަތުހަރު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދީފައިވެއެވެ.
މި ސެޝަނުގައި ބައިވެރިވި އެމްއޭސީއެލްގެ ހައުސްކީޕަރު ސުޒްނާ މުހައްމަދު ސައީދު ބުނީ ކުޑަ ޓާމިނަލަކުން ބޮޑު ޓާމިނަލަކަށް ބަދަލުވާތީ ވަރަށް އުފާވާ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އާ ޓާމިނަލް ވަރަށް ރީތި ކަމަށާއި އެކި ގައުމުތަކުން އާ ޓާމިނަލަށް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުންޏެވެ.
ޑޮލީ ސާވިސަސް އެންޑް މެއިންޓަނެންސްގެ ޓެކްނިކަލް ސަޕޯޓް އަހުމަދު އަޝްފާގު ބުނީ އާ ޓާމިނަލަށް ފުރަތަމަ ފަރަށް ވަނުމުން ވަރަށް ގިނަ ކަންކަން އެނގިގެން ސާފުވެގެން ހިނގައްޖެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާނެ މީހުން ތިބޭނަމަ އިތުރަށް ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެގޮތުން އެފަދަ މީހުންނަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
އެމްއޭސީއެލް އިން މަސައްކަތް ކުރަމުން އަންނަނީ އަންނަ ޖުލައި 26 ވާ ހޮނިހިރު ދުވަހު އާ ޓާމިނަލް ހުޅުވުމަށެވެ. މި ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.









