ނ. މާފަރުގައި މަގުތައް ހަދައި އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ އަތޮޅުގެ 13 ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ އަންނަ އަހަރު މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ކަމަށެވެ.
އެގޮތުން 2026 ގެ ބޯހިޔާވަހިކަމަށް ކަނޑައެޅޭ އެއް ބިލިއަން ރުފިޔާ ގެ ބަޖެޓުން ފަށާ އާ މަޝްރޫއުތަކުގެ ތެރޭގައި މާފަރު ހިމެނިގެން ދާނެ ކަމަށް ރައީސް ވިދާޅުުވި އެވެ.
މީގެ އިތުރުން މާފަރުގެ މަގުތައް ހެދުމުގެ މަސައްކަތް މި އަހަރު ފަހުކޮޅުގައި ފެށުމަށް ތާވަލު ކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މާފަރުގައި ސިއްހީ ދާއިރާއިން ރަނގަޅުކުރަން ހުރި އިތުރު ކަންތައް މި ހަފްތާ ނިމުމުގެ ކުރިން އަލުން އެގްރިމެންޓުގައި ސޮއިކޮށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެއާޕޯޓުގެ ތަރައްގީ އާއި ކުޅިވަރުގެ ވަސީލަތްތަކަށް ގެންނަން ހިންގަން މަޝްރޫއުތައްވެސް އަވަސް މުސްތަގުބަލެއްގައި ކުރިޔައް ގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ތައުލީމީ ދާއިރާގައަި މިހާރު ކުރިއަށް ގެންދާ މަޝްރޫއަށް މާ ބޮޑު ބަދަލެއް ނުގެނެސް އިތުރު ހަތަރު ކްލާސް ރޫމެއް އެޅުމުގެ މަސައްކަތް ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ މާފަރުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި، ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފަ އެވެ. އަދި އެރަށުގެ އާ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި، މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު، އަލީ އިހުސާން އެވެ.