ނޫނު އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފުރާވަޑައިގަަންފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޒިޔާރަތް ކުރައްވާ ރަށްތަކަކީ ހެނަބަދޫ، ހޮޅުދޫ، ޅޮސް، ކުޑަފަރީ، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫ އެވެ.
މި ދަތުރުފުޅުގައި ޒިޔާރަތް ކުރައްވާ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާބެހޭ ގޮތުން ވާހަކަ ފުޅު ދައްކަވާނެއެވެ. އޭގެ އިތުރުން ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ހަމަ އެއާއެކު ރަށްރަށުގެ ތަރައްގީ އަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ވެސް މި ދަތުރުފުޅުގައި ރައީސް ފައްޓަވައިދެއްވާނެ ކަމަށާއި ސްކޫލް ތަކާއި ސިއްހީ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައްވެސް ފައްޓަވައިދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.