ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފި އެވެ.
ޒަކާތު ހައުސްއިން ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވޭނީ އެކަމަށް ހާއްސަކޮށްފަވާ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެންނެވެ.
ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން ހުށަހަޅާ މީހުން، ފޯމު ހުށަހަޅާ މީހާގެ މައުލޫމާތާއި ދަރީންގެ މައުލޫމާތާއި އާމްދަނީ އާއި ހަރަދުތަކާ ގުޅޭ މައުލޫމާތު ވެސް ފޯމާއެކު ހުށަހަޅަން ޖެހެ އެވެ.
ޒަކާތު ހައުސް އިން އެންމެފަހު ބުނެފައިވާ ގޮތުގައި، ފަގީރުންނާއި މިސްކީނުގެ ގޮތުގައި 2،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި އެ ދަފުތަރު ކޮންމެ އަހަރަކު އަންނަނީ އާކުރަމުންނެވެ.
ފަގީރުންނާއި މިސްކީނުގެ ދަފުތަރުގައި ހިމެނޭ މީހުންނަށް ޒަކާތު ފަންޑުން ގިނަ އެހީތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ.
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް މުދަލު ޒަކާތުގެ ގޮތުގައި ވެސް މި އަހަރު 14.2 މިލިޔަން ރުފިޔާ ދޫކޮށްފައިވެ އެވެ.