ނަޝީދުގެ ވިސްނުން އަދިވެސް ހުރީ އެއާޕޯޓު ވިއްކާލަން!

މުހައްމަދު ޖަމްޝަތު | 5 ގަޑިއިރު ކުރިން - 19 ޖުލައި 2025 21:19
ކުރީގެ ރައީސް މުހައްމަދު ނަޝީދު----
ކުރީގެ ރައީސް މުހައްމަދު ނަޝީދު----
ޚުލާސާ

އަންނަ އަހަރު ދައްކަން ޖެހޭ ދައުލަތު ދަރަނިތައް ދެއްކުމަށް އެންމެ ބުއްދިވެރީ ވެލާނާ އެއާޕޯޓު ބޭރު ބަޔަކަށް ދީގެން ކަމަށް ނަޝީދު ވިދާޅުވެއްޖެ.

ދައުލަތަށް އެންމެ ރަނގަޅުވާނީ ވެލާނާ އެއާޕޯޓު ބަޔަކަށް ޓެންޑާކޮށް އެންމެ ބޮޑު އަގެއް ހުށަހަޅާ ބަޔަކަށް ވިއްކާލުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިފަދައިން ވިދާޅުވީ ޓޫރިޒަމް ދާއިރާގެ އިސްބޭފުޅުންނާއި މަސްލަހަތުވެރިން އެކުލެވޭގޮތަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ސަރުކާރުން ތައްޔާރުވަމުންދާއިރު އާ ޓާމިނަލާއި ދައުލަތުގެ ދަރަންޏާއި ގުޅިގެން ސިޔާސީ ބޭބޭފުޅުންގެ ހިޔާލުތައް ތަފާތެވެ. ނަމަވެސް އެއާޕޯޓު ވިއްކާލުމުގެ ވާހަކަދައްކަވާ ބޭފުޅަކަށް ހުންނެވީ ނަޝީދު އެކަންޏެވެ.

ވަޓްސްއެޕް ގްރޫޕަށް ނަށީދު ލިޔުއްވި މެސެޖުގައި ބުނެފައިވަނީ "ވެލާނާ އެއާޕޯޓް ޓެންޑާކޮށް ދައުލަތުގެ އެންމެ ރަނގަޅު ގޮތެއް ހުށަހަޅާ ބަޔަކަށް ހިންގަން ދީފަ، ލިބޭ ފައިސާއިން 2026ގެ ދަރަނި ދެއްކުން އެއީ އެންމެ ބުއްދިވެރި ގޮތް. ޓެންޑާ ކުރީމަ އެޑްވާންސް ޕޭމަންޓް އެއްގެ ގޮތުގައި 500 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރަނީ. އޭރުން ޑޮލަރުގެ އަގު ވެއްޓޭނެ. ނޫން ނަމަ މި އަހަރު ނިމޭއިރު ޑޮލަރުގެ އަގު 30ރ އަށް އެރުން ގާތް" ކަމަށެވެ.

ސަރުކާރުގެ އިސް ވެރިންނާއި ޓޫރިޒަމް ދާއިރާގައި އުޅުއްވާ ވިޔަފާރިވެރިން ތިއްބެވި ވަޓްސް އެޕް ގުރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުވި ބައެއް މެސެޖްގެ ސްކްރީން ޝޮޓެއް. - އެއާޕޯޓުގެ ކޮންޓްރޯލް ދިވެހިންގެ އަތުން ބީވުމަކީ ރައީސް ނަޝީދު އަށް ފެންނަ ގޮތުގައި ގައުމަށް އެންމެ ފައިދާ ވާނެ ގޮތް.

ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެއާޕޯޓު ހިންގީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވިއްކާލައިގެންނެވެ.

ޖީއެމްއާރްއާ އެއާޕޯޓް ހިންގަން ހަވާލުކުރީ އެމްޑީޕީ އިސްވެ އޮވެ 2008ވަނަ އަހަރު އުފެއްދި ސަރުކާރުންނެވެ. އެކަމަކު ނަޝީދުގެ ވެރިކަން ވެއްޓުމުން އޭރުގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ، ވެރިކަމާ ހަވާލުވެ ދިވެހިންގެ ވައިގެ ބަނދަރު ދިވެހިންނަށް ހޯދައިދީފަ އެވެ.

ދިވެހިންގެ ހަރުމުދާ ބޭރު މީހުންނަށް ވިއްކާތީ ނަޝީދުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅުން އޭރު ނުކުތީ ވެސް ޖީއެމްއާރަށް އެއާޕޯޓް ދިނުމުންނެވެ.

ނަޝީދަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބަޔަކަށް ދީފިނަމަ ގައުމުގެ ދިފާއީ އަދި އިގްތިސާދީ މައި ދޮރާށި ދިވެހިންގެ އަތުން ގެއްލި އަދި ރާއްޖެއަށް ލިބޭ އާމްދަނީ އިން އެތައް ގުނައެއް ބޭރުގެ ކުންފުނިތަކަށް ދިނުން ލާޒިމް ވާނެއެވެ. ނަމަވެސް، ނަޝީދު އަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ގައުމުގެ ހަރު މުދާ ވިއްކައި އަދި ހާއްސަކޮށް ގައުމީ މައި ދޮރާށި ވެސް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%