ތ. އަތޮޅުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް އިއްޔެ ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތ. ވޭމަންޑޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި ހިދުމަތް ފެށުމަށް ތ. އަތޮޅު ކައުންސިލާއެކު ހާއްސަ ރަސްމިއްޔާތެއް ވެސް އިއްޔެ ވަނީ ބާއްވައިފަ އެވެ.
ވޭމަންޑޫއަކީ އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށި 27 ވަނަ ރަށެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށުމެވެ.
މާލެ ނައިސް ރަށްރަށުން އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިންމު ވައުދުފުޅެކެވެ.