ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށް ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ، އެ މުވައްޒަފެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރަންޖެހޭ ގޮތަށް ސަރުކާރުން ލާޒިމްކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު" އަށް ގެނައި ތިންވަނަ އިސްލާހުގެ ދަށުންނެވެ.
ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އިސްލާހުގައިވާ ގޮތުން، އެ ގަވާއިދުގެ 58 ވަނަ މާއްދާއަށް ވަނީ އަކުރެއް އިތުރުކޮށްފައެވެ. އެގޮތުން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށެވެ.
މި އިސްލާހުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރައާއި މާލީ މުއާމަލާތްތައް ދެފުށް ފެންނަ ގޮތެއްގައި ބެލެހެއްޓުމާއި، ބިދޭސީ މަސައްކަތްތެރިންނަށް ހައްގުވާ އުޖޫރަ ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް ކުރެވޭ މާލީ މުއާމަލާތްތައް ހުއްޓުވުމެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ޝާއިއުކުރި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.









