މި މަހު 26 ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ހިދުމަތް ދޭން ތިބީ 100 ޕަސެންޓް ދިވެހީން ކަމަށާއި މިއަށް ވުރެ ބޮޑު ފަހުރެއް ނެތް ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމް އިން މިއަދު ގެނެސްދިން ހެއްޔަންބޯ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް އިންތިގާލީ މަރުހަލާގައި އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ އާ ޓާމިނަލުގެ މަސައްކަތް ބައްލަވާލެއްވުމަށް ކަމަށެވެ. އެހިސާބުން ވެސް އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވަނީ މި މަޝްރޫއު ނިންމަންކަން އެނގިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މި އާ ޓާމިނަލް ހުޅުވުމާއި ރާއްޖޭގެ އިގުތިސާދަށާއި ޓޫރިޒަމް ސިނާއަތަށް ހީނުކުރާ ވަރުގެ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ދަތުރުވެރިންނާއި ޓޫރިސްޓުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ މި ވަގުތު މިތަން ލީޑުކުރަން ހުރި މީހާ. އެކަމަކު މި ވަގުތު އަޅުގަނޑުގެ ފަހަތުގައި އެތައް މުވައްޒަފުންނެއް ދާ އޮހޮރުވައި ކުރި ބުރަ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މި ސަރުކާރު އައިއިރު އާ ޓާމިނަލްގެ މަސައްކަތްތައް ނިންމަން ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ލިބުމުގެ ދަތިކަމާއި ކޮންޓްރެކްޓާއަށް ފައިނޭންސް ހަމަޖެހުމުގައި ލަސްތަކެއްވުން ކަހަލަ ގިނަ މައްސަލަތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޓާމިނަލެއް އަޅާ ނިންމާލުމުން އަދި ފުރިހަމަ ނުވާ ކަމަށާއި އެތަނަށް ބޭނުންވާ ހިދުމަތްތައް ގާއިމްކޮށްގެން ނޫނީ ޓާމިނަލުގެ ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ވެސް އެދިވަޑައިގަތީ އާ ޓާމިނަލުގެ "ހެޑް އޮފް ސްޓޭންޑް" ނުވަތަ ޓާމިނަލާއި މަތިންދާބޯޓުތައް ކައިރިކުރަން ބޭނުންކުރާ މަގުގެ މަސައްކަތް އަވަސްކޮށްދޭން ކަމަށެވެ. އޭރު އެ މަސައްކަތް އޮތީ އެއްވެސް ބަޔަކާ ހަވާލު ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެޑް އޮފް ސްޓޭންޑް"ގެ މަސައްކަތް ވެސް ކުރީ މި ސަރުކާރު އައިފަހުން ބަޔަކާ ހަވާލުކޮށްގެންނެވެ.
ޝަރީފް ވިދާޅުވީ "ހެޑް އޮފް ސްޓޭންޑް"އަކީ ހަމައެކަނި މަގެއް ނޫން ކަމަށާއި އެއީ ޓާމިނަލާއި އޭޕްރަން ގުޅުވައި ފާލަން ކަމަށާއި ކަރަންޓާއި ފެނާއި ނަރުދަމާ އާއި ކޮމިއުނިކޭޝަން ކަހަލަ ހުރިހާ ހިދުމަތެއް ހުންނާނީ "ހެޑް އޮފް ސްޓޭންޑް"ގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެޑް އޮފް ސްޓޭންޑް"އަކީ ބެގޭޖު ކާޓުތަކާއި ފަޔަ ލޮރީތަކާއި ބަސްތަކާއި ޓާމިނަލުގެ ހުރިހާ މެޝިނަރީ ދުއްވާ މަގު ކަމަށެވެ. އާ ޓާމިނަލު ކޮންމެ ގޮތަކަށް ނިންމާލިޔަސް އެ މަގު ނުހަދައި ޓާމިނަލުން އެއްވެސް ހިދުމަތެއް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތަނާ ހަވާލުވިއިރު ކަރަންޓު ކެޕޭސިޓީއެއް ނެތް މިވަރުގެ ބޮޑު ޓާމިނަލަކަށް ކަރަންޓު ބޭނުންކުރާ ވަރަށް. މިތަނުގައި އޮތް ދެތިން އިންޖީނު،" އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެމްއޭސީއެލްއާ ހަވާލުވެވަޑައިގެން އާ މެނޭޖުމަންޓުން އެންމެ ފުރަތަމަ ވެސް ކުރެއްވި މަސައްކަތަކީ އާ ޓާމިނަލުގެ "ހެޑް އޮފް ސްޓޭންޑް" ހެދުމާއި ކަރަންޓު ކެޕޭސިޓީ އިތުރުކުރުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އާ ޓާމިނަލަށް 12-16 މެގަވޮޓްސްގެ ކަރަންޓު ދުވާލަކު ބޭނުންވާ ކަމަށާއި އެހެންވެ، ހުޅުލޭގައި ކަރަންޓު އުފެއްދުމަށް ކަރަންޓު ވިއުގާއެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ. ޓާމިނަލްގެ އެތެރެ ފިނިކުރަން ނުވަތަ ޓެމްޕަރޭޗާ ފިނިކޮށް ބަހައްޓަން ބޭނުންކުރަނީ ފެން ކަމަށާއި އެކަމަށް ބޭނުންވާ ފެން އުފައްދާ ކެޕޭސިޓީ އިތުރުކޮށް، ޕައިޕްލައިން އަޅައި ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު އައިރު ހަމައެކަނި ޓާމިނަލް ވިއްޔާ ހުރީ 50 ޕަސެންޓް މަސައްކަތް ނިމިފައި ނަމަވެސް، ޓެކްނިކަލް ހުރިހާ މަސައްކަތްތަކަކާ އެކު ބަލާ ނަމަ ނިމިފައި ހުރީ ގާތްގަނޑަކަށް 40 ޕަސެންޓް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެ ހުރިހާ ގޮންޖެހުންތަކުން އަރައިގަނެ މިއަދު މި ވަނީ ހުޅުވަން ތައްޔާރުވެފައި،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ވެލާނާ އެއާޕޯޓުގެ ހިދުމަތް ހޯދާ ފަސިންޖަރުންގެ 95 ޕަސެންޓަކީ ޓޫރިސްޓުން ކަމަށެވެ. އެ އެއާޕޯޓުގެ ބާ ޓާމިނަލުގައި މިހާރު ދޭ ހިދުމަތްތަކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މިހާރު ދޭ ހިދުމަތާ އަޅާބަލާއިރު އެކަށީގެންވާ ހިދުމަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، މި އާ ޓާމިނަލް ވަނީ ވަރަށް ފުރިހަމަ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ހިދުމަތްތަކެއް ދޭ ތަނަކަށް ކަމަށާއި އާ ޓާމިނަލުން ހިދުމަތް ދެވޭނެ ފެންވަރަށް މުވައްޒަފުން މިހާރު ތަމްރީނުކޮށް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެންގެ ވެއިޓް ޓާއިމް އާއި ސެކިއުރިޓީ އާއި ސޭފްޓީ އާއި ޑިއުޓީ ފްރީ އާއި ކާބޯތަކެތީގެ ހިދުމަތްތައް ހުންނާނީ ދުނިޔޭގެ ފެންވަރަށް ގެނެވިފައޭ،" ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ވަރަށް އުފާވެ، ފަހުރުވެރިވާ ކަމެއް، މިހާ ޓެކްނޮލޮޖިކަލީ އެޑްވާންސް ފެސިލިޓީއެއް ރަން ކުރަން މި ތިބީ 100 ޕަސެންޓް ދިވެހިން. ހާއްސަކޮށް ޒުވާން ދިވެހިން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަގުބަލު ވަރަށް އުޖާލާ."