ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް މަޝްރޫއުގައި 2016 ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް ފެނުނީ ހަމައެކަނި ހަތަރު ފާރާއި ފުރާޅު ކަމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވެއްޖެ އެވެ.
ލަމްއާން މިފަދައިން ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ލަމްއާން ވިދާޅުވީ އާ ޓާމިނަލްގެ މިލްކުވެރިކަމާ ގުޅޭގޮތުން އެކި ސަރުކާރުތަކަށް ނިސްބަތްކުރައްވާ ދައްކަމުން އަންނަ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ އަށްވަނަ އެޕިސޯޑުގައި ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވާފައިވާކަމަށެވެ.
ލަމްއާން ވިދާޅުވީ 2016 ވަނަ އަހަރު ބިންގާ އެޅުނު މި މަޝްރޫއަށް ފަހު ދެ ވެރިކަމެއް ނިމިގެންގޮސްފައިވާ ކަމަށެވެ. އަދި މިއީ ތިންވަނަ ވެރިކަން ކަމަށް ލަމްއާން ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނު އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ އާ ޓާމިނަލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ކަމަށް ލަމްއާން ވިދާޅުވިއެވެ.އެ ޓާމިނަލް ހުޅުވުމަކީ އެމަނިކުފާނު ވައުދުފުޅަކަށް ވާއިރު، ހާއްސަ އިސްކަމެއް ދެއްވައިގެން އެ ޓާމިނަލުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ލަމްއާން ވިދާޅުވީ، ވެރިކަމާ ރައީސް ހަވާލުވެވަޑައިގަތް އިރު ޓާމިނަލުގެ ހަތަރު ފާރާއި ފުރާޅުގެ އިތުރުން އެތެރޭގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.
"އާދައިގެ މިސާލަކުން ދަންނަވަންޏާ އަޅުގަނޑުމެން އަމިއްލަ ގެ ހަދާފައި ވަންނައިރު، އެތާނގައި ހަމައެކަނި ހަތަރު ފޫޓަށް ފާރެއް ރާނާފައި އޭގައި ސިމެންތި ނުޖަހާ ހުރެއްޖެ ކަމަށް ވަންޏާމު އަނެއްކާވެސް ވަދެފައި ޖެހޭނީ ސިމެންތި ޖަހާފައި، ޓައިލްސް ޖަހައިގެން، ސީލިން އަޅައި، ފްލޯރިން އަޅައިގެންތާ އެތަނަށް ވަދެވޭނީ..، އެތަން ބޭނުންކުރެވޭނީ." ލަމްއާން ވިދާޅުވިއެވެ.
ލަމްއާން ވިދާޅުވީ އެފަދައިން ދަންނަވާ ކަމަށް ވާނަމަ މިދިޔަ 18 ނުވަތަ 20 މަސް ދުވަސް ތެރޭގައި ކުރެވުނު މަސައްކަތަށް ބަލައިފި ކަމުގައި ވާނަމަ އޭގެ މިލްކުވެރިކަން އޮތީ މި ސަރުކާރަށް ކަމަށެވެ. އަދި މިލްކުވެރިކަން އޮތީ އެމްއޭސީއެލްގެ މުވައްޒަފުންގެ އަތުގައި ކަމަށް ލަމްއާން ވިދާޅުވިއެވެ.
ލަމްއާން ވިދާޅުވީ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރީތައް ވެވެމުން މިދަނީ ރައީސް ދެއްވި އެއްބާރުލުމާއި ހިތްވަރުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން، ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން އިރު ޓާމިނަލުގެ މަސައްކަތް ނިމިފައިވަނީ 54.63 ޕަސެންޓު ކަމަށް ލަމްއާން ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި ޓާމިނަލް ކަމަށާއި، ޓާމިނަލާ ގުޅިގެން ކުރަންޖެހޭ އެއްވެސް މަސައްކަތެއް އޭގައި ނުހިމެނޭ ކަމަށް ލަމްއާން ވިދާޅުވިއެވެ. އެގޮތުން ޓާމިނަލް ތެރޭގެ އެންމެ މުހިންމު އެއްބައި ކަމަށްވާ ކޮމާޝަލްވެސް އޭގެ ތެރޭގައި ނުހިމެނޭ ކަމަށް ލަމްއާން ވިދާޅުވިއެވެ.
ލަމްއާން ވިދާޅުވީ އެ ހުރިހާ ކަމަކަށް ކަނޑާފައި ނިމިފައި ހުރީ ހަގީގަތުގައި 40 ޕަސެންޓު ވަރަކަށް މަސައްކަތް ކަމަށެވެ. އަދި ބާކީ 60 ޕަސެންޓު މަސައްކަތް މި ނިންމަނީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ތެރޭގައި ކަމަށް ލަމްއާން ވިދާޅުވިއެވެ.
ލަމްއާން ވިދާޅުވީ އެކަންތައްތަކަށް ބެލުމަށްފަހު ހަގީގީ މިލްކުވެރިކަން ހައްގީ ކޮން ފަރާތަކަށްތޯ ނިންމާނީ ރައްޔިތުން ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި މަހުގެ 26 ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމަށެވެ. އާ ޓާމިނަލްގެ އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއާލައިންތަކުގެ މަސައްކަތްތައް ބަދަލުކުރާއިރު ކުރާނީ ފަހަރަކު އެއާލައިނެއްގެ މަސައްކަތް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އެންމެ ފުރަތަމަ އާ ޓާމިނަލުން ހިދުމަތްދޭނީ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ.









