ހީއެއްގެ މައްޗަށް ބިނާކޮށް، މުސްލިމަކު ކާފިރު ކުރުން ހުއްދައެއް ނޫން: ހުތުބާ

އަައިޝަތު ޒީނާ | 28 ދުވަސް ކުރިން - 18 ޖުލައި 2025 13:16
މުސްލިމަކާ ދިމާލަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހުތުބާގައި ބުނި. / ފޮޓޯ: ޚުލާސާ
މުސްލިމަކާ ދިމާލަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހުތުބާގައި ބުނި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ހުތުބާގައި ބުނީ މުސްލިމުން ކާފިރުކުރުމަކީ ޖާހިލުކަމާއި، ޝަރުއީ ހުކުމްތައް ދޭހަނުވުމާއި، ޝުބުހަތަކަށް ހެއްލުމުގެ ނަތީޖާ ކަމަށް.

ހީއެއްގެ މައްޗަށް ބިނާކޮށް، މުސްލިމަކު ކާފިރު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"މުސްލިކަމަކު ކާފިރުކުރުމުގެ ނުބައިކަން" މައުޟޫގެ މައްޗަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ޝަރުއީ ނައްސުތަކުން ސާފުކޮށް އެނގޭ ގޮތުގައި މުސްލިކަމާ ދިމާލަށް ބަދުބަސް ބުނުމާއި ގަދްފުކުރުމަކީ، ހަރާމް ކަންތައްތައް ކަމުގައި ވީއިރު، ހީއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް، މުސްލިމަކު ކާފިރު ކުރުން ހުއްދަ ނުވާނެ ކަމަށެވެ.

ހުތުބާގައި ބުނީ ކާފިރުކުރުމަކީ މުސްލިކަމު ނުވަތަ މުސްލިމް ޖަމާއަތެއް ކުފުރަށް ނިސްބަތްކުރުން ކަމަށެވެ. އަދި އެމީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަ ކުރުން ކަމަށާއި، މިއީ އެހާ ފަސޭހައިން ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށްފަހު، އޭނާ އެ ދާއިރާއިން ބޭރު ކުރުމަކީ ވަރުގަދަ ހުއްޖަތާއި ސާބިތު ހެއްކާއި، ރޯމާ ދުވާހު ފަދަ އަލިގަދަ ދަލީލުތައް ނެތި ކުރުން ހަރާމް ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މުސްލިމުން ކާފިރުކުރުމަކީ ޖާހިލުކަމާއި، ޝަރުއީ ހުކުމްތައް ދޭހަނުވުމާއި، ޝުބުހަތަކަށް ހެއްލުމުގެ ނަތީޖާ ކަމަށެވެ.

މިކަމުގެ ހައްލަކީ ސުންނަތް ޖަމާއަތުގެ މަންހަޖަށް އެނބުރި ރުޖޫއަވުން ކަމަށާއި، އިންޓަނެޓުން ދަސްކުރުމުގެ ބަދަލުގައި ބޮޑެތި އާލިމުންގެ އަރިހުން ދަރިވަރުވުން ކަމަށް ހުތުބާގައި ބުންޏެވެ. އަދި ދީނުގެ ކަންކަން ރަނގަޅަށް ނޭނގޭ މީހުންގެ ގާތުން އިލްމު ހޯދަން ފެށުމަކީ ގިޔާމަތުގެ އަލާމާތެއް ކަމަށް ހުތުބާގައި ބުންޏެވެ.

މުސްލިމަކާ ދިމާލަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. އަޅަމެންނީ ކަންކަމުގެ ހަގީގަތް ބެލުމެއް ނެތި މީސްމީހުންނާމެދު ހުކުމް ކުރާ ބަޔަކު ކަމުގައި ނުލެއްވެވުމަށާއި، އަޅަމެންނީ މީސްތަކުންނާ މެދު ހެޔޮކޮށް ހީކުރާ، ހިކުމަތްތެރިކަމާއެކު މާތް ﷲގެ ދީނަށް ގޮވާލާ ބަޔަކު ކަމުގައި ލެއްވުމަށް ހުތުބާގައި ވަނީ ދުއާކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%