މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ގައުމީ ބްރޭންޑް "ފްރޮމް މޯލްޑިވްސް" ތައާރަފުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 10 ގަޑިއިރު ކުރިން - 17 ޖުލައި 2025 22:32
"ފްރޮމް މޯލްޑިވްސް" ތަޢާރަފުކުރުން/ ފޮޓޯ: ރައީސް އޮފީސް
"ފްރޮމް މޯލްޑިވްސް" ތަޢާރަފުކުރުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބްރޭންޑް ތައާރަފުކުރުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަން ފާހަގަކޮށްލޭވޭ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި އިޝްތިހާރުކޮށް، ވާދަވެރިކަން އިތުރުކުރުމުގެ މަގުސަދުގައި، "ފްރޮމް މޯލްޑިވްސް"ގެ ނަމުގައި ގައުމީ އާ ބްރޭންޑެއް ދިވެހި ސަރުކާރުން ތައާރަފުކޮށްފި އެވެ. މި ބްރޭންޑް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސި ވިލާތުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގަ އެވެ.

މި ބްރޭންޑް ތައާރަފުކުރުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނއަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާއީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާއަތެއް ކަމެވެ.

މީގެ އިތުރުން، މި ބްރޭންޑުން ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަގާފީ މުއްސަނދިކަންވެސް ދައްކުވައިދެ އެވެ. އަދި ހަމައެއާއެކު، ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްގީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާއަތެއްކަންވެސް މި ބްރޭންޑުން ރަމްޒުކޮށްދެ އެވެ.

މި ބްރޭންޑް ތައާރަފުކުރުމަކީ ކަނޑުގެ ވަސީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު އެއް މަސައްކަތެވެ. އަދި މިއީ "ވެލިއު އެޑެޑް" މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، މަސް ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ފާހަގަކުރެ އެވެ.

ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%