ދިވެހިރާއްޖެއާއި އިނގިރޭސި ވިލާތުގެ ގުޅުމަށް 60 އަހަރު ފުރުމާ ގުޅިގެން، ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ހާއްސަ ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމެއް ބާއްވައިފި އެވެ. މި ވިޔަފާރި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ޔޫކޭގެ އިންވެސްޓަރުންނާ މުހާތަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ފަސް ދާއިރާއެއްގައި ޔޫކޭގެ އިންވެސްޓަރުންނަށް ގިނަގުނަ ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށެވެ.
އެގޮތުން، އުފެއްދުންތެރި އިގުތިސާދަކީ މި ފުރުސަތުތަކުގެ ތެރޭގައި ހިމެނޭ އެއް ދާއިރާ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2030 ވަނަ އަހަރާ ހަމައަށް ޖީޑީޕީގެ 15 ޕަސެންޓް މި ދާއިރާއިން ހިއްސާކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން، ޑިޖިޓަލް ބަދަލުވުމަކީ ވެސް އިންވެސްޓަރުންނަށް ފަހިވާނެ ދާއިރާއެއް ކަމަށާއި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ފުރިހަމައަށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ވިދާޅުވި އެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ ވެސް ޔޫކޭ އިންވެސްޓަރުންނަށް ހުޅުވިފައިވާ މުހިއްމު ދޮރެކެވެ. 2028 ވަނަ އަހަރާ ހަމައަށް ގައުމީ ކަރަންޓުގެ ޑިމާންޑްގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައިން އުފުއްދުމަށް ރޭވިފައިވާކަން ރައީސް ހާމަކުރެއްވި އެވެ. މަސްވެރިކަމާއި ކަނޑުގެ އާ އުފެއްދުންތެރިކަން އިތުރުކުރުމަށް ވެސް ފުރުސަތުތަކެއް އެބަހުއްޓެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބްރޭންޑް ރަސްމީކޮށް ތައާރަފުކުރެވުނުކަން ރައީސް މި ބައްދަލުވުމުގައި އިއުލާނުކުރެއްވި އެވެ.
ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީއަކީ ދިވެހިރާއްޖޭގެ އިގުތިސާދުގެ މައި ތަނބެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ކުރިއެރުން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގެ ތެރެއިން، ވެސްޓް ލަންޑަން ޗެމްބާ އޮފް ކޮމާސްއާއި ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްގީއާއި ވިޔަފާރީގެ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން ޔޫކޭގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގެ މަޝްރޫއުތަކުގައި ބައިވެރިވުމަށާއި، އެކުގައި އަގު އުފެއްދުމަށް ފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.
"މި ދަނޑިވަޅަކީ ހަމައެކަނި އިންވެސްޓްމަންޓަށް އަމާޒުކުރެވިފައިވާ ވަގުތެއް ނޫން. މިއީ މުސްތަގުބަލަށް ދެމެހެއްޓެނިވި އަދި ވިލުންވެރި އިގުތިސާދެއް ބިނާކުރުމުގެ މުހިންމު ފުރުސަތެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔޫކޭގެ ވިޔަފާރިތަކަށް، އެ ފަރާތްތަކުގެ އީޖާދީ ހިޔާލުތަކާއި، ފަންނީ ތަޖުރިބާއާއި، އަދި ހަރުދަނާ ވިޔަފާރި އުސޫލުތަކާއެކު، ދިވެހިރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި އިސް ދައުރެއް އަދާކުރެވޭނެ ކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގައި ހުރި ފުރުސަތުތައް ދެނެގަނެ، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެމަނިކުފާނު އިހުލާސްތެރިކަމާއެކު ދައުވަތު އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.