ފްލެޓަށް ކުލި ނުދައްކާނަމަ ލޯނު ލިބުން ދަތިވާ ގޮތް ހަދައިފި

މުހައްމަދު ޖަމްޝަތު | 12 ގަޑިއިރު ކުރިން - 17 ޖުލައި 2025 20:55
ހިޔާ ފްލެޓުތައް. ކުލި ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭއާ ހިއްސާކުރަން އެޗްޑީސީން ވަނީ ފަށާފައި----ފޮޓޯ:ޚުލާސާ
ހިޔާ ފްލެޓުތައް. ކުލި ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭއާ ހިއްސާކުރަން އެޗްޑީސީން ވަނީ ފަށާފައި----ފޮޓޯ:ޚުލާސާ
ޚުލާސާ

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000 އެއްހާ ފްލެޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 ޔުނިޓުގެ ވެރިން. ކުލީގެ ގޮތުގައި 700 މިލިއަނަށްވުރެ ގިނަ ފައިސާ ނުލިބޭ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތަށް ބޭންކުތަކުން ލޯނު އެދުމުން އިވެލިއޭޓްކުރަން ފަށައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެމްއެމްއޭގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" ގައި މިދިޔަ މާޗު މަހު އެ ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ. އެ މަހުން ފެށިގެން އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންގެ މައުލޫމަތު އެ ސިސްޓަމަށް އަޕްޑޭޓު ކުރަމުން އަންނަ ކަމަށެވެ.

އެޗްޑީސީން ބުނީ، އެކަން ކުރީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމާއި ކުންފުނީގެ މާލީ ގާބިލުކަން އިތުރު ކުރުމަށާއި އާންމު ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެމްއެމްއޭގެ ކްރެޑިޓް އިންޕޮމޭޝަން ސިސްޓަމަށް އެ މައުލޫމަތު އަޕްޑޭޓްވާން ފެށުމުން ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންނަށް އެހެން އެއްވެސް މާލީ އިދާރާއަކުން ކްރެޑިޓް ދޫކުރުމުގެ ކުރިން ނުވަތަ ރީސްޓަކްޗާ ކުރުމުގެ ކުރިން ނުވަތަ ލޯނު އެއްބަސްވުން އާ ކުރުމުގެ ކުރިން ނުވަތަ ލޯނުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން އެފަރާތްތަކުގެ ކްރެޑިޓް އިވެލުއޭޓު ކުރާނެ ކަމަށެވެ.

އެހެންކަމުން އެކުންފުންޏަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން އެކަމަށް ސަމާލުވެ ގަވާއިދުން ފައިސާ ދައްކަމުން ދިއުމަށް އެޗްޑީސީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން، ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000އެއްހައި ޔުނިޓުގެ ވެރިންނެވެ. އަދި، ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަނަށްވުރެ އިތުރު ކަމަށް އެޗްޑީސީން ބުނެއެވެ.

މި މައްސަލައިގައި އެޗްޑީސީންވަނީ ފުލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މީހުންނަށް ތިން މަހުން ނޯޓިސްއެއް ފޮނުވަން ވެސް ފަށައިފައެވެ.

ސަރުކާރުގެ ސޯޝަލް ހައުސިންގެ ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓުތަކަށް ކުލި ނުދެއްކުމުގެ ސަބަބުން ދައުލަތަށް އާމްދަނީއެއް ނުލިބުމަށް ވުރެ، އެކަމުގައި މައްސަލަ ކުރިމަތި ވަނީ އިތުރަށް ހައުސިން މަޝްރޫއުތައް ހިންގުމަށާއި އެހެނިހެން މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމަށެވެ.

ސަރުކާރުން މަޝްރޫއުތައް ހިންގަން ނަގާ ލޯނުތައް ގަވާއިދުން ދައްކަމުން ނުދާ ނަމަ، އިތުރު މަޝްރޫއުތަކަށް ލޯނު ހޯދަން ދަތިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވިގޮތުގައި ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގެދޮރުވެރިކަމާ ބެހޭ ބިލާއެކު އެ މަސައްލައަށް ލުއިފަސޭހަ ހައްލެއް ހޯދޭނެ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%