ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިންވަނަ އާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ވިންޑްސާ ކާސްލްގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ދެބޭފުޅުންގެ މި ބައްދަލުވުން ކުރިއަށްދިޔައީ ގައުމުތަކުގެ އެންމެ އިސްވެރިންނާއި އެކު ހާއްސަ ބައްދަލުވުން ބާއްވަވާ ޕްރައިވެޓް އޯޑިއެންސް ރޫމްގަ އެވެ.
ރައީސް، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި އެކު ޕްރައިވެޓް އޯޑިއެންސް އެއް މި ބޭއްވެވީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާވެސް ދިމާކޮށެވެ.
ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.