ގދ. ނަޑެއްލާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަންތައްތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނަޑެއްލާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ނައިބު ރައީސްއާ ހިއްސާކުރައްވާފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލުން އެމަނިކުފާނާއެކު މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލްގެ މެންބަރުން ވަނީ އެރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށާއި ވަކިން ހާއްސަކޮށް ޒުވާނުން އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ހާސިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް، ނައިބު ރައީސާ ހިއްސާކުރައްވާފަ އެވެ. އެގޮތުން، ރަށުގެ ބަނދަރުގެ މަޝްރޫއު ކުރިއަށްގެންދާއިރު އެ މަޝްރޫއާއެކު ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ. އަދި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށާއި، ސްކޫލްގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.
މީގެއިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކުރުމަށް ހުވަދު އަތޮޅުގައި ފަތުރުވެރިކަމަށް އިތުރު ރަށްތައް ތަރައްގީ ކުރުމަށް ބޭނުންވާކަންވެސް ކައުންސިލު މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެކަމަށެވެ. އަދި ހާއްސަކޮށް ނަޑެއްލާ ބަނދަރުގެ މަޝްރޫއަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވަން ބޭނުންފުޅުވާ މަސައްކަތެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި، ކުޅިވަރުގެ ދާއިރާއިން ހުރި ފަހި ފުރުސަތުތަކަށް ވެސް މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އަލިއަޅުވާލައްވާފަ އެވެ.