ދ. ރިނބުދޫގައި އަލަށް އިމާރާތްކުރި "ބަނދަރު ހިޔާ" ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތަށް ނައިބު ރައީސް ރިނބުދޫއަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު އިގްބާލް އަބްދުލްގައްޔޫމެވެ.
"ބަނދަރު ހިޔާ" ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީސް ވަނީ ރިނބުދުއަކީ އެ ރަށުގެ ހާއްސަ އަމިއްލަވަންތަކަމާއި، ސާފުތާހިރުކަމާއި، ރައްޔިތުންގެ އެއްބައިވަންތަކަން ފާހަގަކޮށްލެވޭ ރީތި މިސާލެއްކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ އިޖުތިމާއީ ގުޅުންތައް ބަދަހިކޮށް، އަމިއްލަވަންތަކަން ދެމެހެއްޓުމަށް ރައްޔިތުންނާ ގުޅިގެން ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ތައުރީފުކުރެއްވިއެވެ.
ހިޔާލުތަފާތުވުންތަކަކީ މުޖުތަމައުގައި އޮންނާނެ ކަމެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، އެފަދަ ތަފާތުތައް ބަލައިގަނެ، މިފަދަ އެއްވުންތަކުގެ ޒަރީއާއިން ގުޅުންތައް ބަދަހިކޮށް، ހިތްހަމަނުޖެހުންތައް ނައްތާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ އިޖުތިމާއީ ހަރަކާތްތައް އިސްނަގައިގެން ހިންގާ ކައުންސިލްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ސާބިތުކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިމަތިލައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގައުމު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫއުތައް މެދުނުކެނޑި ކުރިއަށްދާންޖެހޭ ކަމަށާއި، ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު މަޝްރޫއެއްކަންވެސް ބަޔާންކުރެއްވިއެވެ.
ރިނބުދޫގެ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން، އެ ރަށުގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލްގެ ފަރާތުން ނާއިބު ރައީސަށް ހަނދާނީ ފިލައެއް އެރުވިއެވެ. ރަސްމިއްޔާތަށްފަހު، އެމަނިކުފާނު ވަނީ "ބަނދަރު ހިޔާ" ބައްލަވާލައްވައި، ރަށުގެ ޒުވާނުންގެ ދަޢުވަތަކަށް އެ ރަށުގެ ދެ ޓީމެއްގެ މެދުގައި ކުޅުނު ފުޓްސަލް މެޗެއްގައި ބައިވެރިވެވަޑައިގެންފައެވެ.



