ޒަޔަނިސްޓް އިސްރާއީލުން ސީރިއާގެ ހައްސާސީ ތަންތަނަށް ދިން ހަމަލާ ތަކާއި ގުޅިގެން ރައީސް އަހްމަދުއްޝަރުއު އިސްރާއީލަށް މިއަދު ވަރަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ. އަހްމަދުއްޝަރުއު ވިދާޅުވީ ސީރިއާއަކީ ހަނގުރާމައަށް ބިރުގަންނަ ބައެއް ނޫން ކަމަށާއި، އޭނާގެ ސަރުކާރުން ސީރިއާގެ ސިޔާދަތަށް އަރައިގަތުމަށް މަގުފަހި ނުކުރާނެ ކަމަށާއި އަދި އެ ފުރުސަތު ވެސް ނުދޭނެ ކަމަށެވެ.
އަލްޤައިދާގެ ނުފޫޒު މެދުއިރުމަތީގައި އެންމެ ވަރުގަދަވެގެން ދިޔަ ދުވަސްވަރު އަބޫ މުޙައްމަދުލް ޖޫލާނީގެ ނަމުން ވެސް މަޝަހޫރުވެފައިވާ ރައީސް އަލް-ޝަރާޢު އިސްރާއީލަށް އިންޒާރު ދެއްވީ ޤައުމީ ޓީވީން މިއަދު ސީރިއާގެ ރައްޔިތުންނާއި މުޚާޠަބުކުރައްވައި ދެއްވި ތަޤްރީރުގައެވެ. އޭނާގެ ތަޤްރީރު އަމާޒުކުރެއްވީ، މި ފަހުން އިސްރާއީލުން ދިން ހަމަލާތަކާއި ގުޅޭގޮތުންނެވެ.
ސީރިއާގެ ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސީރިއާގެ ދިފާޢީ ވުޒާރާއާއި ރިޔާސީ ގަނޑުވަރާއި ކައިރީގައިވާ ސަރަހައްދުތަކަށެވެ. މި ހަމަލާތަކުގެ ސަބަބުން އެކަކު މަރުވެ، 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
އިސްރާއީލުން ސީރިއާ އަށް މި ހަމަލާތައް ދީފައިވަނީ، ދުރޫޒް ދަރިކޮޅުގެ މެޖޯރިޓީ އޮންނަ ޝަހަރެއް ކަމަށްވާ ސުވައިދާގައި ހަމަނުޖެހުންތައް ބޮޑުވެ، ހަފްތާގެ ކުރީކޮޅު ދުރޫޒް ފެކްޝަންތަކާއި ސީރިއާ ސަރުކާރުގެ ފައުޖުތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން 23 މީހުން މަރުވި ފަހުންނެވެ. އޭގެ ތެރޭގައި ހަނގުރާމަވެރިންނާއި އާންމު ރައްޔިތުންވެސް ހިމެނެއެވެ. ދުރޫޒް ދަރިކޮޅަކީވެސް ޢަރަބިންނެވެ. ނަމަވެސް މުސްލިމުންގެ ޤަބޫލުކުރުންތަކާއި ތަފާތެވެ. ދުރުޒީން ދިރިއުޅެނީ ސޫރިޔާ، ލުބްނާން އަދި އިސްރާއީލުގައެވެ.
މަދުވެގެން 23 މީހުން މަރުވި ދުރޫޒް ތަޅާފޮޅުން ހިނގި ސަރަޙައްދު ޗާޓުން ފާހަގަ ކޮށްފައި. "ދަ ގްރޭޓާ އިސްރާއީލް" ގެ ހުވަފެނަކީ ސީރިއާ ހިމެނޭ ހެން މުޅި ޝާމްކަރަ އަށް ވެރިވެގަތުން.
ބެލެވޭ ގޮތުގައި އިސްރާއީލުން ސީރިއާއަށް ޙަމަލާ ދިނީ ދުރޫޒް ރައްޔިތުންނަށް ޙިމާޔަތް ދިނުމަށް ކަމަށް ބުނެ އިންޒާރެއްގެ ގޮތުންނެވެ އެހެނީ، އެމީހުންގެ ޙަމަލާ ސީދާ އަމާޒުކުރީ ސިފައިންގެ ހެޑްކުއާޓަރުގެ މައި ގޭޓަށެވެ. އިސްރާއީލު ބޭނުންނަމަ އެމީހުންނަށް އެއަށް ވުރެ އެތެރެއަށް ވެސް އެ ޙަމަލާ ދިނުމުގެ ފުރުޞަތު އޮތް ކަމަށް މެދުއިރުމަތީގެ މަސްރަޙް ދިރާސާކުރާ ތަޖުރިބާކާރުން ބުނެއެވެ. އެމީހުން އިއްތިފާޤުވާ ގޮތުން އިސްރާއީލުގެ އަމާޒަކީ ސީރިއާގެ މިހާރުގެ ސަރުކާރާއި ގުޅިގެން މެދުއިރުމަތީގައި އިސްރާއީލަށް ހަމަޖެހިގެން އޮވެވޭނެ ގޮތެއް ހޯދުމެވެ. ސީރިއާގެ މިހާރުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމައަކަށް ދިޔުމަށް އިސްރާއީލް ނުވިސްނައެވެ.
ހަނގުރާމައަކަށް ގޮސްފި ނަމަ ޣައްޒާގެ ޙިމާޔަތުގައި ތިބި ހޫޘީންނާއި އަނެއްކޮޅުން އީރާނާއި ގުޅިފައިވާ ލުބުނާނުގައި ތިބި ހަނގުރާމަވެރިން ވެސް އޭގެ ފައިދާ ނަގައި އިސްރާއީލަށް ޙަމަލާ ދީފާނެތީވެ، އެ ހުރިހާ ފަރާތަކުން އަންނަ ޙަމަލާތަކުން ދިފާޢު ވުމުގެ ޤާބިލް ކަމެއް އިސްރާއީލަށް ވެސް ލިބިގެން ނުވާކަން އިސްރާއީލަށް އެނގެއެވެ. އެހެންކަމުން އިސްރާއީލުން ދަނީ ސީރިއާގެ ސަރުކާރާއި ސީދާ ހަނގުރާމައަކަށް ނުގޮސް މަޑުމަޑުން ސީރިއާގެ ބިންތަކަށް އަތްގަދަކުރަމުންނެވެ. އަދި ސީރިއާގެ އެތެރޭގައި ދިރިއުޅޭ އިސްރާއީލާއި ގުޅުންހުރި ފަރާތްތައް ބާރު ގަދަ ކުރުވަމުންނެވެ.
ނަތަންޔާހޫ އދ.ގެ ޢާންމު މަޖިލީހުގައި: އިސްރާއީލުން ބޭނުންވަނީ މުޅި މެދުއިރުމަތި އެމީހުންގެ މިލްކަކަށް ހެދުން. / ގެޓީ އިމޭޖްސް.
ސީރިއާގެ މިހާރުގެ ރައީސް އިސްރާއީލަށް އިންޒާރު ދިން ކަމުގައި ވިޔަސް އޭނާ ވަނީ އިސްރާއީލުގެ މަސްލަޙަތު ހިމެނޭ ޖަމާޢަތްތަކަށް ސީރިއާގެ ސަރުކާރުން ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށް ވަޢުދުވެފައެވެ. މިއަދުގެ ތަޤްރީރުގައި ވެސް ރައީސް ޝަރާޢު ވިދާޅުވީ ދުރޫޒް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޭނާގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭނެ ކަމަށެވެ. ދުރޫޒް ރައްޔިތުންނަކީ އިސްރާއީލާއި ވަރަށް ބޮޑަށް ގުޅިފައިވާ، ސުންނީ މުސްލިމުންނާއި ދެކޮޅު ޖަމާޢަތެކެވެ. ސީރިއާގައި އެކަނި ވެސް 800000 އެއްހާ ދްރޫޒް ދަރިކޮޅުގެ މީހުން ދިރިއުޅެއެވެ. އިސްރާއީލުގައި ދިރިއުޅެނީ އެ ދަރިކޮޅުގެ 200000 އެއްހާ މީހުންނެވެ. ޒަޔަނިސްޓު ސިފައިންގެ ފޯސްގެ މަތީ މަޤާމުތަކުގައި ވެސް މި ދަރިކޮޅުގެ މީހުން އުޅޭއިރު، އިސްރާއީލުން ބޭނުންވާ ދުރޫޒްގެ ޙިމާޔަތް މިއޮތީ ސީރިއާގެ މިހާރުގެ ސަރުކާރުން ވަރަށް ފުރިހަމަޔަށް ލިބިދޭނެ ކަމުގެ ސިގުނަލެއް ލިބިފައެވެ. ބަޝާރުލް އަސަދުގެ ދުވަސްވަރު ދުރޫޒް ދަރިކޮޅަށް އެމީހުންގެ އަމިއްލަ މިނިވަންކަމެއް ނޯވެއެވެ.
އިސްރާއީލުގެ ޒަޔަނިސްޓު ނުބައި އެޖެންޑާއިވާ “ދަ ގްރޭޓަ އިސްރާއީލް”. މި ޗާޓުން ދައްކާ ފަދައިން ސީރިއާ، ޣިރާޤް އަދި ތުރުކީއާއި ސަޢޫދީ ޢަރަބިއްޔާއިން ވެސް ބައެއް ނެގުމަށް އިސްރާއިލުން ވަނީ ޕްލޭން ކޮށްފައި.
އިންޒާރާއި ޕްރެޝަރު
އިސްރާއީލަށް އިންޒާރު ދެއްވަމުން ރައީސް ޝަރާޢު ވިދާޅުވީ އޭނާ އެންމެ އިސް ކަމެއް ދެއްވާނީ ސީރިއާގެ އިސްތިޤްލާލް ރައްކާތެރި ކުރުމަށެވެ. އޭނާ ބޭނުންފުޅުވަނީ ހުޅަނގާއި ވެސް ގުޅިގެން ކުރިޔަށް ދިޔުމަށެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޝަރާޢުގެ ވެރިކަމުން އިސްރާއީލާއި ގުޅުން ޤާއިމް ކުރާނެއެވެ. އަދި ރައީސް ޓްރަމްޕް ވެސް ވަނީ އިސްރާއީލާއި ގުޅުން ބަދަހި ކުރުމަށް ޝަރާއަށް ޝަރުޠު ކޮށްފައެވެ. އިނާމެއްގެ ގޮތުން އެމެރިކާއިން ދެކޭ ޓެރަރިސްޓް ޖަމާޢަތްތަކާއި މީހުން ހިމެނޭ ލިސްޓުން ސީރިއާ ވަނީ މިހާރު އުނި ވެސް ކޮށްފައެވެ.
އިސްރާއީލާއި ގާތް ގުޅުން ބޭއްވުމަށް އެމެރިކާއިން ސީރިއާގެ ސަރުކާރުގައި އެދުނު ނަމަވެސް، މިއީ ރައީސް ޝަރާޢަށް އެހާ ފަސޭހަ ވާނެ ކަމެއް ކަމަށް މުޙައްލިލުން ޤަބޫލެއް ނުކުރައްވައެވެ. އެއީ ކުރީގެ ޖޫލާނީ ނުވަތަ މިހާރުގެ ރައީސް ޝަރާޢަކީ އިސްރާއީލާއި ވަރަށް ދެކޮޅު ފިކުރެއްގެ ބޭފުޅަކަށް ވާތީއެވެ. ސައޫދީ އިން އިސްރާއިލާއި ރަސްމީކޮށް ގުޅުން ނުބޭއްވި ކަމުގައި ވިޔަސް އެމީހުންވެސް ފާޅުގައި ދެކޮޅުވެރިވެގެން ނޫޅެއެވެ.
އިސްރާއީލަށް އިންޒާރު ދެއްވަމުން މިއަދު ޝަރާޢު ވިދާޅުވީ، ބޮޑު ބާރެއް ލިބިފައިވުމަކީ ނަސްރެއް ލިބޭނެ ކަމުގެ ޔަޤީންކަމެއް އިސްރާއީލަށް އޮތުމެއް ނޫނެވެ.
"އަހަރެމެންނަކީ ހަނގުރާމައަށް ބިރުގަންނަ ބައެއް ނޫން. އަހަރެމެން ކުރިމަތިލާނީ ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް ވަރުގަދަ ކަމާއެކު، އަދި އަހަރެމެންގެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި ސާބިތުކަމާއެކު ދެމިތިބޭނަން." އިސްރާއީލަށް ދެއްވި އިންޒާރުގައި މިއަދު ޝަރާޢު ވިދާޅުވިއެވެ.
ޝަރާގެ ސަރުކާރުން ވަނީ ސުވައިދާގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައެވެ. އަދި އެތަނުގެ އަމަން ބެލެހެއްޓުމުގެ ޒިންމާ ދުރޫޒްގެ މީހުންނާއި ހަވާލުވެސް ކޮށްފައެވެ.
ސީރިއާގެ ދުރޫޒް ދަރިކޮޅުގެ މީހުން ބުނަނީ އެމީހުންނަކީ އިސްރާއީލުގެ ބައެއް ނޫނެވެ. އެ މީހުން ބޭނުމީ ސީރިއާގެ ތެރޭގައި އެބައިމީހުންގެ އަމިއްލަ މިނިވަންކަން އޮތުން ކަމަށެވެ. ނަމަވެސް “އިއްޔެ” އިސްރާއީލުން ސީރިއާގެ އަސްކަރީ ހެޑްކުއާޓަރުގެ މައި ގޭޓަށް އަމާޒުކޮށް ބޮން އެޅީ ދުރޫޒްގެ ރައްޔިތުންނަށް ސީރިއާ ސަރުކާރުން ރައްކާތެރިކަމާއި ޙިމާޔަތް ނުދޭތީވެ އެމީހުންގެ ދިފާޢުގައެވެ.
އެހެންކަމުން ދުރޫޒް ދަރިކޮޅިގެ އަސްލު އެޖެންޑާ މިއޮތީ ފޮރުވިފައި ކަމަށް ޤަބޫލު ކުރެވެއެވެ. ފަހަރުގައި އެމީހުންނަކީ “ދަ ގްރޭޓާ އިސްރާއީލް” އެޖެންޑާގެ ތެރޭގަެި ހިމެނޭ ބަޔަކަށް ވެސް ވެދާނެއެވެ. ދަ ގްރޭޓާ އިސްރާއީލްގެ އެޖެންޑާ އަކީ މުޅި ޝާމްކަރަ އަކީ އިސްރާއީލް ކަމަށް ހެދުމެވެ.