ކަޅުބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް މައްޗަށް. މިހާރު ހުރީ 20.20ރ އަށް.

މުހައްމަދު ޖަމްޝަތު | 21 ގަޑިއިރު ކުރިން - 17 ޖުލައި 2025 11:52
ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިވަނީ ރެކޯޑު އަދަދަކަށް އުފުލިފައި----
ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިވަނީ ރެކޯޑު އަދަދަކަށް އުފުލިފައި----
ޚުލާސާ

ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފަ. ނަމަވެސް ޑޮލަރުގެ އަގު ދުވަހެއްދަވަހަކަށް ދަނީ މަތިވަމުން.

ޑޮލަރުގެ ތާށިކަން ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20.20ރ އަށް އަރައިފި އެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ޑޮލަރުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކަޅުބާޒާރުގައި ޑޮލަރު ގަނެވިއްކާ ބައެއް ގްރޫޕުތަކުގައި ޑޮލަރު ގަންނަ އަގު 19.20ރ ހުރިއިރު ޑޮލަރު ވިއްކާ އަގު މިއަދު ވަނީ 20.20 އަށް އަރައިފަ އެވެ. ޑޮލަރު ވިއްކުމުގެ ހުއްދަ އޮންނަ ބައެއް މަނީ އެކްސްޗޭންޖުތަކުންވެސް މިއަދު ޑޮލަރު ވިއްކަނީ އެ ރޭޓުގަ އެވެ.

ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާއެވެ. ނަމަވެސް، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެންފެށީ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކަރަން މަޖުބޫރުކޮށް ހެދި ގާނޫނު ތަންފީޒު ކުރަން ފެށުމުންނެވެ.

ރާއްޖެއިން މި އަހަރު 668 މިލިއަން ޑޮލަރު އަދި އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހިފައިވާއިރު އެ ގާނޫނުގެ ދަށުން ރިސޯޓުތަކަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކުން 25 ޑޮލަރު ދިވެހި ބޭންކްތަކަށް މާރުކުރަން ޖެހެ އެވެ. އެ ގަވާއިދުގެ ދަށުން, ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 އިންސައްތަ, ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން, އެ ބޭންކަކުން އެމްއެމްއޭގައި މާރުކުރަން ޖެހޭނެއެވެ. އަދި، ޖޫން މަހުން ފެށިގެން އެ 60 އިންސައްތަ 90 އިންސައްތައަށް އެމްއެމްއޭއިން ވަނީ އިތުރުކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%