ސީރިއާގެ ދެކުނުގެ ސްވެއިދާ ޕްރޮވިންސް، ޖޯޑަން-ސީރިއާ ބޯޑަރު ކައިރީގައި ހިނގަމުންދާ ހަނގުރާމައިގައި ފާއިތުވި 24 ގަޑިއިރު ތެރޭ 516 މީހުން މަރުވެއްޖެއެވެ. މިއީ އިސްރާއީލު ޔަހޫދީންނާއި ގުޅިފައިވާ ހަރުކަށި ދުރޫޒް މިލިޝިއާ އާއި މުސްލިމް ބަދަވީ ގަބީލާތަކާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުމެކެވެ. މި ހަމަނުޖެހުންތަކުގައި މިރޭގެ މިހާތަނަށް އެކަނިވެސް 60 އަށްވުރެ ގިނަ މީހުން މަރާލާފައި ވެއެވެ.
މި ހަނގުރާމަ އިތުރަށް ހޫނުވީ މިއަދު އިސްރާއީލުގެ ހަނގުރާމަވެރިން ވެސް މީގެތެރެއަށް ވަނުމުންނެވެ. އެއާއިއެކު ޢާންމުންނާއި ކުޑަކުދިން ޝަހީދުކޮށް މުސްލިމު ބަދަވީންގެ ގެތަކުގައި ދިޔައީ ހުޅު ޖަހަމުންނެވެ. ނުރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި މި ހަނގުރާމައިގެ ތެރެއަށް މިހާރު ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ބައިވެރިވި ބައެއް މީހުން ވެސް މިއަދު ވަނީ ވަދެފައެވެ.
ދުރޫޒީންގެ ދަރިކޮޅުގެ މީހުންގެ ޙިމާޔަތަށް ކަމަށް ބުނެ މިއަދު އިސްރާއީލުން ގާތްގަނޑަކަށް 1،000 މީހުން ހަތިޔާރާއިއެކު ސީރިއާގެ ތެރެއަށް ވަދެފައިވެއެވެ. އެމީހުން ސީރިއާގެ ތެރެއަށް ވަދެ ވަރަށް ވަރުގަދައަށް މުސްލިމުންނާއި ކުރިމަތިލައި ގެދޮރުން ނެރެ ލޫޓުވާފައި ވެއެވެ. އަދި ތާރާ، އަލް-ޑޫރް، އަލް ދުވޭރާ އަދި އަލް-ތައިރާގެ އިތުރުން އަލްހަޒްމް ފަދަ އެތައް އަވަށަކަށް އަތްގަދަ ކޮށްފިއެވެ.
ޖޯޑަން ބޯޑަރާއި ކައިރީގައި އޮންނަ ސްވެއިދާގެ ކޮންޓްރޯލް ދުރޫޒީންގެ ބާރުގެ ދަށުގައި ވާއިރު، އެ ސަރަޙައްދު ގާތްގަނޑަކަށް މިހާރު އޮތީ ސުންނާފަތި ކޮށްލާފައެވެ. މުސްލިމުންގެ އެތައް ގެއެއް ވަނީ އަންދާލާފައެވެ. އަދި ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި މަރުވެފައިވާ އާންމުންގެ ލޭތައް ވެސް މަގުމަތައްމަތީގައި އެބަހުރި ކަމަށާއި. ހާލަތު ވަރަށް ނާޒުކުކަމަށް ރިޕޯޓުތައް ބުނެއެވެ.
ސީރިއާގެ ސަރުކާރުން ވަނީ އެއްބަޔަކު އަނެއް ބަޔަކާއި ތަޅަން އެ ސަރަޙައްދު އެކީއެކަށް ދޫކޮށްލާފައެވެ. ސީރިއާއިން އެތަން ދޫކޮށްލީ އިސްރާއީލުން ސީރިއާގެ ސިފައިންގެ ހެޑްކުއާޓަރުގެ ގޭޓަށް ޙަމަލަދީ އިންޒާރު ދިނުމުންނެވެ.
ސުވެއިދާ އަވަށަކީ ސީރިއާގެ ދެކުނުގައި އޮންނަ ސީދާ ސީރިއާގެ ބިމެކެވެ. އެއީ ޖޯޑަންގެ ބޯޑަރާއި ކައިރިއެވެ.