ސޫރިޔާގެ ޙިމްޞް ގައި ހުންނަ އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ތެޔޮ ރިފައިނަރީއަށް ބޮން ބޭނުންކޮށްގެން ދޭންއުޅުނު "ޓެރަރިސްޓް" ހަމަލާއެއް ސޫރިޔާގެ ސަލާމަތީ ބާރުތަކުން ކުރިއާލާ ހިންގި އޮޕަރޭޝަނެއްގައި ފެއިލްކޮށްލައިފިއެވެ. ސޫރިޔާގެ ދާޚިލީ ސަލާމަތީ ބާރުތަކުން ހާމަކުރި ގޮތުގައި، މި ހަމަލާ ހުއްޓުވީ ރިފައިނަރީ ކައިރީގައި ގޮވާތަކެތި ހަރުކުރަން އުޅެނިކޮށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާއިރު، ރިފައިނަރީއަށް ވެސް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ސޫރިޔާގެ ސަރުކާރުން ބުނާ ގޮތުގައި މި ހަމަލާ ރާވާފައި ވަނީ ލުބުނާނުގެ ޙިޒްބުالله ޖަމާއަތާ ގުޅުންހުރި ސެލްއަކުންނެވެ. އަދި ސަލާމަތީ ބާރުތަކުން ވަނީ ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށް، އެމީހުންގެ އަތުން ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި ޑައިނަމައިޓް އަތުލައިގަނެފައެވެ. ނަމަވެސް ޙިޒްބުالله އިން ނެރުނު ބަޔާނެއްގައި ވަނީ މި ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ. އެޖަމާއަތުން ބުނީ ސޫރިޔާގެ އެތެރޭގައި އެމީހުންގެ އެއްވެސް ހަރަކާތެއް ނޯންނާނެ ކަމަށާއި، ސޫރިޔާގެ ހަމަޖެހުން ނަގާލަން ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމަށެވެ.

މި ހާދިސާ ކުރިމަތިވެފައިވަނީ ސޫރިޔާ އާއި ޙިޒްބުاللهގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ކުރިން ޙިޒްބުالله އަށް ތާއީދުކުރި ބައްޝާރުލް އަސަދުގެ ވެރިކަން 2024 ވަނަ އަހަރު ވެއްޓުމަށްފަހު، ސޫރިޔާގައި އުފެދުނު އާ އިންތިގާލީ ސަރުކާރުން ވަނީ ޙިޒްބުالله އާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައެވެ.