ސޫރިޔާގެ އުތުރުގެ މުހިންމު ރަށެއް ކަމަށްވާ ޙަލަބުގެ ދެކުނު ރަށްފުށުގެ އަލްޢީސް އަވަށުގައި ހުރި އަސްކަރީ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ރޯވެ އަނދަމުން އެބަ ދެއެވެ.
ސީރިއާގެ އާ ސަރުކާރުގެ ދިފާޢީ ވުޒާރާގެ ދަށުން ހިންގާ މި މަރުކަޒުގައި ފުރަތަމަ ގޮވުން ގޮވުމާއެކު، ގުދަނުގައި ހުރި ގޮވާތަކެއްޗާއި ރޮކެޓްތަކުގައި ރޯވެ، ސިލްސިލާކޮށް އެތައް ގޮވުންތަކެއް ވަނީ ގޮވާފައެވެ. މީގެ ސަބަބުން ކައިރި އަވަށްތަކަށް ދުމާއި އަލިފާނުގެ އަސަރު ކުރަމުންދާ ކަމަށް ހަބަރު ލިބެއެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު މަރުވިކަން ނުވަތަ އަނިޔާވިކަމުގެ ރަސްމީ ރިޕޯޓެއް މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގުދަނުން ބުރައިގެންދިޔަ ރޮކެޓްތަކުގެ ސަބަބުން ކައިރި ސަރަޙައްދުތަކުގެ އިމާރާތްތަކަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.



