ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ނުވަންނާނެކަމަށާއި އިތުރު ހަނގުރާމައިގެ މައިދާނެއް ނުހުޅުވާނެކަމަށް ސޫރިޔާއިން ބުނެފިއެވެ. ސޫރިޔާ ސަރުކާރުން ބުނީ، ސަރަހައްދީ ފެންވަރުގައި ސޫރިޔާގެ ސިޔާސަތަކީ ހަމަޖެހުމާއި، ސުލްހައާއި، އަދި ގުޅިގެން މަސައްކަތް ކުރުން ކަމަށާއި، އިތުރު ހަނގުރާމައިގެ މައިދާންތައް ހުޅުވުމެއް ނޫން ކަމަށެވެ.

ސޫރިޔާއިން މިހެން ބުނީ، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވުމަށް ސޫރިޔާގެ ސިފައިން ޔަމަނަށް ފޮނުވުމާ ގުޅޭގޮތުން ސައުދީއާއި ސޫރިޔާއާ ދެމެދު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސޫރިޔާގެ އާ ރައީސް އަޙްމަދު އަލް-ޝަރާ ފާއިތުވި ދުވަސްތަކުގައި ސައުދީގެ ރިޔާޟަށް ކުރެއްވި ޒިޔާރަތާއެކު، ސޫރިޔާއިން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަދެދާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ނަމަވެސް ސޫރިޔާގެ ރަސްމީ އިދާރާތަކުން ބުނާގޮތުގައި، ސޫރިޔާ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވާ ނުރައްކާތަކާ ދެކޮޅަށް ސައުދީއާއެކުގައެވެ. އެހެންނަމަވެސް، ދާދިފަހުން ދާޚިލީ ހަނގުރާމައިން ސަލާމަތްވި ސޫރިޔާގެ މިވަގުތުގެ އެންމެ ބޮޑު އިސްކަމަކީ، ޤައުމު އަލުން ބިނާކުރުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަކުރުމާއި، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށްވާތީ، ރަސްމީ ދޭދޭ އެއްބަސްވުންތަކުގެ ބޭރުން އެހެން ޤައުމެއްގެ ހަނގުރާމައެއްގެ ތެރެއަށް ސޫރިޔާގެ އަސްކަރިއްޔާއިން ނުވަންނާނެއެވެ.