މަގާމުން ދުރުކޮށްލާފައިވާ ސީރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އދ. ގެ ނިއުކްލިއާ ވޮޗްޑޮގް، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) އިން ބުނެފިއެވެ. އެފަރާތުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ސީރިއާ އިން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ފަދަ ނިއުކްލިއާ ރިއެކްޓަރެއް ސިއްރިޔާތުގައި ބިނާކޮށްފައެވެ.

ސީރިއާގައި ނިއުކްލިއާ ހަތިޔާރު އުފައްދަން ބިނާކުރި ސައިޓް / ފޮޓޯ: އޭއެފްޕީ
ސީރިޔާގައި އޮތް އަސަދުގެ ވެރިކަން ވެއްޓުމަށް ފަހު ރައީސް ޝަރާޢު (ޖޯލާނީ) ވަނީ، އދ. ގެ އިންސްޕެކްޓަރުންނަށް މިދެންނެވި ސިއްރު ސައިޓުތައް ތަހުގީގުކުރުމުގެ ފުރިހަމަ ހުއްދަ ދީފައެވެ. މި ހުއްދައިގެ ދަށުން ހިންގި އޮޕަރޭޝަންތަކުގައި، ކުރިން ސިއްރުކޮށްފައި އޮތް ނިއުކްލިއާ ޕްރޮގްރާމްގެ ގިނަ ހެކިތަކެއް ވެސް އދ. އިން ވަނީ ހޯދާފައެވެ.
އދ.ގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ސީރިޔާގެ އިރުމަތީ ދައިރް އައްޒޫރުގައި ބިނާކުރަމުން ދިޔަ އެ ރިއެކްޓަރަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ފިސައިލް މެޓީރިއަލް ވަރަށް ހަލުވިކަމާއެކު އުފެއްދޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މި ރިއެކްޓަރުގެ މަސައްކަތް ނިމުމަކާއި ގާތްވެފައި ވަނިކޮށް، 2007 ވަނަ އަހަރު އިސްރާއީލުން ވައިގެ ހަމަލާއެއްދީ އެތަން ވަނީ ހަލާކުކޮށްފައެވެ. އޭރު އަސަދުގެ ސަރުކާރުން އެއީ ނިއުކްލިއާ ރިއެކްޓަރެއް ނޫން ކަމަށް ބުނެ ދޮގުކުރި ނަމަވެސް، އދ. ގެ މިފަހަރުގެ ރިޕޯޓުން ވަނީ އެއީ ހަތިޔާރު އުފައްދަން އުޅުނު ތަނެއްކަމަށާއި އެކަމުގެ ހެކި ފެނިފައިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން، އދ. ގެ ތަހުގީގުތަކުން ސީރިޔާގެ ސިއްރު އެހެން ސައިޓަކުން 73 މެޓްރިކް ޓަނުގެ ނެޗުރަލް ޔުރޭނިއަމް މެޓަލް ފެނިފައިވާ އިރު، މީގެ ތެރޭގައި ރިއެކްޓަރުގެ ފިއުލް ރޮޑްސް ވެސް ހިމެނެއެވެ. އައި.އެ.އީ.އޭ ގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވި ގޮތުގައި، މި ހޯދުންތަކަކީ ސީރިޔާގެ ނިއުކްލިއާ މައްސަލައިގައި ލިބުނު ތާރީޚީ ކުރިއެރުމެކެވެ. ފެނުނު ޔުރޭނިއަމްތައް މިހާރު ވަނީ އައި.އޭ.އީ.އޭގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.









