ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ލިންޑްޒޭ ހޮޔިލް އެމްޕީ މިއަދު ބައްދަލުކުރައްވައިފި އެވެ.
މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިހާރު ގެންދަވަނީ އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބައްދަލުކުރެއްވުން އޮތީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރަސްމީ ގެކޮޅު ކަމުގައިވާ، ލަންޑަންގެ ވެސްޓްމިންސްޓާ ޕެލަސްގައި ހުންނަ ސްޕީކާޒް ހައުސްގަ އެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވައި، ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ޓޫރިޒަމާއި މަސްވެރިކަމާއި ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމަށް ފަހު އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ރައީސް ޑރ. މުއިއްޒު ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި އެއަށް ފަހު، ޕެލަސް އޮފް ވެސްޓްމިންސްޓާ ރައީސް ބައްލަވާލެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމަކީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، މުހިންމު ދާއިރާތަކުން ގުޅުން ގާއިމުކުރުމަށް ދެ ގައުމުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެކަން ކަށަވަރުކޮށްދޭ ބައްދަލުވުމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.