މިއަހަރު ސްކޮލަޝިޕްތަކަށް 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

އާނާ ފަހީމް | 30 ދުވަސް ކުރިން - 16 ޖުލައި 2025 18:19
ފޮޓޯ: އެމްއެންޔޫ
ފޮޓޯ: އެމްއެންޔޫ
ޚުލާސާ

މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް އެހީވުމަށް ހިންގާ ސްކޮލަރޝިޕް ސްކީމުގެ ދަށުން، މިއަހަރުގެ މިހާތަނަށް 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް

ދިވެހިރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގާ ސްކޮލާޝިޕް ސްކީމުގެ ދަށުން، މިއަހަރުގެ މިހާތަނަށް 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެ އެވެ.

އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ސްކޮލާޝިޕްތަކާއި ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އެ ވުޒާރާއިން ވަނީ 83,389,345.01 ރުފިޔާ ސްކޮލާޝިޕްގެ ގޮތުގައި ދޫކޮށްފަ އެވެ. މި ފައިސާގެ އެހީތެރިކަން ޖުމްލަ 107 ދަރިވަރުންނަށް ލިބިފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ 72 އަންހެން ކުދިންނާއި، 35 ފިރިހެން ކުދިންނެވެ.

މީގެއިތުރުން، މިއަހަރު ޖުމްލަ 27 ދަރިވަރުން ސްކޮލާޝިޕް ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލުކޮށްފައިވާކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެ އެވެ. އެއީ 21 އަންހެން ކުދިންނާއި ހަ ފިރިހެން ކުދިންނެވެ.

މަތީ ތައުލީމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް އިތުރަށް ދައްކާގޮތުން، މި ސްކީމުގެ ދަށުން މިހާތަނަށް ޖުމްލަ 332 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި މި ސްކީމުގެ ދަށުން ޖުމްލަ 305 ދަރިވަރުން މިހާރު ވެސް ތައުލީމު ހާސިލު ކުރަމުންދާކަން އެ ތަފާސްހިސާބުތަކުން ހާމަވެ އެވެ. މި އަދަދުގެ ތެރޭގައި ހިމެނެނީ 207 އަންހެން ކުދިންނާއި 98 ފިރިހެން ކުދިންނެވެ.

ސްކޮލާޝިޕް ސްކީމުގެ ތެރެއިން މިހާތަނަށް ޖުމްލަ 131 ދަރިވަރުން މަތީ ތައުލީމު ފުރިހަމަކޮށްފައިވާކަމަށް އެ ވުޒާރާއިން ފާހަގަކުރެ އެވެ. މި އަދަދުގައި 75 އަންހެން ކުދިންނާއި، 56 ފިރިހެން ކުދިން ހިމެނެ އެވެ.

ރާއްޖެއާއި ބޭރުގައި މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. މި ނިންމެވުމާއެކު މި ލޯނަށް އިންޓްރަސްޓެއް ނާރާނެކަމަށާއި، އަދި އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ލޯނު އަދާކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%