ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ހިދުމަތް ބޭނުންކުރާ ދަތުރުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން އުތުރުގެ ރަށްތަކުގައި ހަދާފައިވާ 12 ފެރީ ސްޓޮޕަކާއި، ހަ ފެރީ ޓާމިނަލެއް އެތަންތަން ނިސްބަތްވާ ރަށު ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ.
އެމްޓީސީސީން ހާމަކުރިގޮތުގައި، މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ އަށްވަނަ ދުވަހާ ހަމައަށް ޖުމްލަ 18 ކައުންސިލަކާއި ފެރީ ޓާމިނަލުތަކާއި ފެރީ ސްޓޮޕްތައް ހަވާލުކޮށްފައިވާ ކަމަށެވެ. މިހުރިހާ ފެރީ ސްޓޮޕްތަކާއި ޓާމިނަލްތަކަކީވެސް ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅުގެ ރަށްތަކުގައި އެކުންފުނިން އިމާރާތްކޮށްފައިވާ ތަންތަނެވެ.
މިގޮތުން، ހަ ރަށެއްގެ ކައުންސިލާ ފެރީ ޓާމިނަލް ހަވާލުކުރެވިފައިވާއިރު، 12 ރަށެއްގެ ކައުންސިލާ ވަނީ ފެރީ ސްޓޮޕްތައް ހަވާލުކޮށްފަ އެވެ.
ފެރީ ޓާމިނަލްތައް ހަވާލުކުރެވުނު ކައުންސިލްތަކަކީ:
- ހދ. ހަނިމާދޫ ކައުންސިލް
- ހއ. ހޯރަފުށީ ކައުންސިލް
- ހއ. އިހަވަންދޫ ކައުންސިލް
- ށ. ބިލެތްފަހި ކައުންސިލް
- ށ. ފުނަދޫ ކައުންސިލް
- ހއ. ދިއްދޫ ކައުންސިލް
ފެރީ ސްޓޮޕްތައް ހަވާލުކުރެވުނު ކައުންސިލްތަކަކީ:
- ހދ. ފިނޭ ކައުންސިލް
- ހއ. މުރައިދޫ ކައުންސިލް
- ހއ. މޮޅަދޫ ކައުންސިލް
- ހއ. މާރަންދޫ ކައުންސިލް
- ހއ. ތުރާކުނު ކައުންސިލް
- ހއ. އުލިގަމު ކައުންސިލް
- ށ. ފޭދޫ ކައުންސިލް
- ށ. ކޮމަންޑޫ ކައުންސިލް
- ހދ. ވައިކަރަދޫ ކައުންސިލް
- ހދ. ކުމުންދޫ ކައުންސިލް
- ށ. ގޮއިދޫ ކައުންސިލް
- ހއ. ބާރަށު ކައުންސިލް
އެމްޓީސީސީން ވިދާޅުވީ، މި ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް އެކުންފުނިން އިމާރާތްކޮށްދީފައި ވަނީ އާރްޓީއެލް ފެރީގެ ހިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންގެ ލުއިފަސޭހައަށްޓަކައި ކަމަށެވެ. އެގޮތުން، ދަތުރަށް ތައްޔާރުވެެގެން ވަޑައިގަންނަވާ ދަތުރުވެރިންނަށް ހިޔާވެހިކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު މި ފެރީ ސްޓޮޕްތަކާއި ފެރީ ޓާމިނަލްތަކުގައި ހަމަޖެހިފައި ހުންނާނެއެވެ.
އާރް.ޓީ.އެލްގެ ހިދުމަތް ސަރުކާރުން ދެމުންދަނީ އަތޮޅުތެރޭގެ ދަތުރުތަކުގެ އިތުރުން، ކައިރި އަތޮޅުތަކަށްވެސް މި ނިޒާމުގެ ތެރެއިން ހައި ސްޕީޑް ފެރީގައި ދަތުރުކުރެވޭ ގޮތަށެވެ. އަދި މި ހިދުމަތް ދެމުން އަންނަނީވެސް ނިސްބަތުން ކުޑަ އަގެއްގައެވެ.









