އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ޑެޕިއުޓީ ކޮމާންޑަރު ޣުލާމް ހުސައިން އަވަހާރަ ވެއްޖެއެވެ.
އައިއާރުޖީސީ އިން ކަށަވަރު ކުރި ގޮތުގައި ޣުލާމް ޙުސައިން އަވަހާރަވީ މި މަހުގެ 13 ވަނަ ދުވަހު އީރާނުގެ ޖަހްރަމް ގައެވެ. ހުސައިން އަވަހާރަވީ 1980-1988 ވަނަ އަހަރުގެ އީރާން-ޣިރާޤް ހަނގުރާމައިގައި އޭނާއަށް ލިބިވަޑައިގެންނެވި ބޮޑެތި ކެމިކަލް އަނިޔާތަކުގެ ސަބަބުން ދިގު މުއްދަތަކަށް ކުރިމަތިވި ސިއްހީ މައްސަލަ ތަކާއި ގުޅިގެންނެވެ.
1980 ގެ އަހަރުތަކުގެ ކުރީކޮޅު ހުސައިނަކީ އީރާނުގެ އެންމެ ވަރުގަދަ ފޯސްގެ ފްރަންޓްލައިނުގެ ކޮމާންޑަރެވެ.
އީރާން-ޣިރާޤު ހަނގުރާމައިގައި ހިނގި ބޮޑު އޮޕަރޭޝަނެއްގެ ތެރޭގައި އޭނާގެ ޔުނިޓަށް ވަރަށް ވަރުގަދަ ކެމިކަލް ހަމަލާތަކެއް ދީފައިވެއެވެ. އެކަމުގެ ސަބަބުން އޭނާގެ ކިޑްނީއާއި ހަށިގަނޑު އެހެން ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، “އެކްޓިވް ޑިއުޓީ” އިން ރިޓަޔަރ ކުރަން މަޖުބޫރުވިއެވެ. އެފަހަރު އޭނާގެ ކިޑްނީ ވެސް ފެއިލްވިކަން ފާހަގަ ކުރެވެއެވެ.
އެ ހަނގުރާމައިގައި ޣިރާޤުން އީރާނުގެ ސިފައިންނާއި އާންމުންނާއި ދެކޮޅަށް ނުރައްކާތެރި ކެމިކަލް ބޭނުންކުރިއެވެ. އެފަހަރު އެމެރިކާ އާއި ފުރާންސާއި ޖަރުމަން އަދި ހުޅަނގުގެ އިތުރު ޤައުމުތަކުން ޣިރާޤަށް ކެމިކަލް ހަތިޔާރުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި ޖާސޫސީ މައުލޫމާތު ވެސް ފޯރުކޮށްދިނެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އީރާން އެކަހެރިކުރިއެވެ.
އީރާން-ޣިރާޤު ހަނގުރާމައިގެ ދުވަސްވަރު ހުޅަނގުން ޣިރާޤަށް ތާއީދުކުރީ މެދުއިރުމަތިގައި އީރާނުގެ އިސްލާމީ އިންގިލާބު ފެތުރުން ހުއްޓުވުމަށެވެ. އަދި އީރާނުގެ ނުފޫޒު ގަދަވެ އެމެރިކާ އަށް ނުރައްކާ ވެދާނެތީއެވެ.
އީރާން-ޣިރާޤު ހަނގުރާމައިގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ މީހުން ޒަޚަމްވެ، މަރުވެ އަދި މުޅި ޖީލެއް ދާއިމީ ގޮތެއްގައި ކެމިކަލް ހަތިޔާރުގެ ސަބަބުން ސިއްހީ ގެއްލުމާއި ކުރިމަތިލާން ޖެހުނެވެ.
އެމެރިކާއިން އެންމެފަހުން ވަނީ ޣިރާޤުގެ ވެރިޔާ ސައްދާމް ޙުސައިން ވެސް ދަންޖައްސައި އަވަހާރަކޮށްލާފައިކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެއީ 30 ޑިސެމްބަރު 2006 ވީ އަޟްހާ ޢީދު ދުވަހުގައެވެ. ސަބަބަކީ ސައްދާމަކީ ފާޅުގައި އެމެރިކާ އާއި ހުޅަނގަށް ފާޑު ކިޔައި އަދި އިޒްރޭލާއި ދެކޮޅަށް ބަސް ބުނާ ލީޑަރަކަށް ވުމެވެ. އެއާއިއެކު އެމެރިކާ އާއި ހުޅަނގަށް ހީވީ އެމީހުން ދިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ނުރައްކާތެރި ކެމިކަލް ހަތިޔާރު ތަރައްޤީކޮށްފައި ޣިރާޤުގައި ހުރެދާނެ ކަމަށެވެ. އެހެންވެ ޣިރާޤާއި ދެކޮޅަށް މުޅި ނޭޓޯ ނުކުމެ ބޮޑު ހަނގުރާމައެއް ފެށިއެވެ. ނަމަވެސް އެމީހުންނަށް ޣިރާޤުން އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.