ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ގައި ބާއްވާ ކުލަ ގަދަ ރަސްމިއްޔާތުގައި ރާއްޖޭގެ ވެރިކަން ކުރައްވާފައި ތިއްބެވި ހުރިހާ ރައީސުން ބައިވެރިކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
އެމްއޭސީއިން ބުނީ، އާ ޓާމިނަލް ހުޅުވުމަށް ބާއްވާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ހުރިހާ ރައީސުންނަށާއި އެ ކުންފުނީގެ ކުރީގެ ވެރިންނާއި ބޯޑުގައި މަސައްކަތް ކުރެއްވި ބޭފުޅުން، އަދި ޓޫރިޒަމް އިންޑަސްޓްރީއާއި ވިޔަފާރވެރިންނަށް ވެސް ދިނުމަށް އެމްއޭސީއެލް އިން ނިންމައި، އެކަމަށް ވާން ޖެހޭ ތައްޔާރީތައް ކުރަމުންދާ ކަމަށެވެ. މިއީ މިފަދަ ބޮޑު ގައުމީ މަޝްރޫއެއްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ގައުމީ އެއްބައިވަންތަކަން ރަމްޒުކުރުމުގެ ގޮތުން އެމްއޭސީއެލް އިން ކުރާ މަސައްކަތެކެވެ.
ކުރީގައި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަދު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު މި ހުރިހާ ބޭފުޅުންނަށް ވެސް ދިނުމަށް އެމްއޭސީއެލް އިން ވަނީ ނިންމައިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. ނަމަވެސް ނިމިދިޔަ އިބްރާހިމް ސޯލިހުގެ ވެރިކަމުގައި ޓާމިނަލްގެ މަސައްކަތް ދިގުލައިގެން ދިޔަ ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ބާރު ސްޕީޑެއްގައި ވަނީ މަސައްކަތް ނިންމާލާފަ އެވެ.
އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ މި އައު ޓާމިނަލް ނިންމަން މިހާރުގެ ސަރުކާރު އައި ފަހުން ސައޫދީ ފަންޑުން 100 މިލިއަން ޑޮލަރާއި، އަބޫ ދާބީ ފޮ ޑިވެލޮޕްމަންޓް އިން ވަނީ 80 މިލިއަން ޑޮލަރު ހަމަޖައްސާދީފަ އެވެ. ޓާމިލަން ނިންމަން މުޅި ޖުމްލަ 600 މިލިއަން ރުފިޔާ (9.2) ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.