ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ ދެ މެންބަރުންގެ މުއްދަތު ހަމަވާތީ އެ ދެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާ ކަމަށެވެ. އެހެން ކަމުން އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ވަނީ އަލުން ހުޅުވާލާފައެވެ.
ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް އެ އޮފީހުން ކަމަށެވެ.
އެ މަގާމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށް އެ އޮފީހުން ބުންޏެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.