އދ. މާމިގިލި ކައިރިއަށް ފީނަން ފޭބި 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަމަށެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވި ލޫތު ބިން އަހުމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ރައީސްގެ ޕޯސްޓުގައި ވަނީ ދުއާކުރައްވާފައެވެ.

މާމިގިލި ކައިރިއަށް ފީނަން ފޭބި ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ 7:00 ހާއިރުއެވެ.

އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން އާންމުން ވެގެން ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ މާމިގިލީ ބޭރު މޫދުންނެވެ.