ހުޅުލޭ ޕާކިން ޒޯންތަކުގައި ޕާކުކުރުން ވަގުތީގޮތުން މަނާކޮށްފި

އަައިޝަތު ޒީނާ | 8 ގަޑިއިރު ކުރިން - 15 ޖުލައި 2025 16:47
ހުޅުލޭގެ ޕާކިން ޒޯނެއް. / ފޮޓޯ: ޚުލާސާ
ހުޅުލޭގެ ޕާކިން ޒޯނެއް. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްއޭސީއެލް އިން ބުނީ ޕާކިން ޒޯންތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް.

ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ގައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީގޮތުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 17 އިން ފެށިގެން އިރުމަތީ ފަރާތު ޕާކިން ޒޯންގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަކީ މަނާކަމެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި އެ ތާރީހުގެ ކުރިން ޕާކިން ޒޯނުގައި ޕާކު ކޮށްފައިވާ އުޅަނދުތައް ނެގުމަށް އެމްއޭސީއެލް އިން ވަނީ އަންގާފައެވެ.

މީގެ އިތުރުން މި މަހުގެ 17ގެ 18:00 ގެ ފަހުން ހުޅަނގު ފަރާތު ޕާކިން ޒޯނުގެ އެއްވެސް އެއްގަމު އުޅަނދެއް ޕާކު ކުރުމަކީ މަނާކަމެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެ ތާރީހަށްފަހު ފުލުހުންނާ ގުޅިގެން އެ ޕާކިން ޒޯންތަކުގެ އުޅަނދުތައް ހުސްކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ ޕާކިން ޒޯންތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ.

މި ބަދަލާ ގުޅިގެން ހުޅުލޭ ޕާކިން ޒޯންތަކުގައި ޕާކު ކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްއޭސީއެލް އިން ވަނީ މާފަށް އެދިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%